ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

އަވަސް

25 މާރިޗު 2026 | ބުދަ | 11:59

މިއަހަރުގެ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، ގައުމީ އިނާމާބެހޭ ކޮމިޓީން މިއަދު ހުޅުވާލައިފި އެވެ.

ގައުމީ އިނާމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ވަނީ މިއަދުން ފެށިގެން އަންނަ އެޕްރީލު މަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2.00ގެ ނިޔަލަށް ހުޅުވާލައިފަ އެވެ. މިއަހަރު އިނާމަށް ނަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފޯމު ހުށަހެޅުން ޕޯޓަލް މެދުވެރިކޮށެވެ. ޤައުމީ އިނާމަށް މިއަހަރުވެސް ހުޅުވާލީ މައިގަނޑު 39 ދާއިރާއަކުންނެވެ. ކުރީ އަހަރުތަކެކޭ އެއްގޮތަށް މި އަހަރުވެސް ޤައުމީ އިނާމަށް ނަން ހުށަހެޅުމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ޤައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމުޢިއްޔާ ޖަމާޢަތް ފަދަ ތަންތަނުންނާއި ވިޔަފާރިތަކުން ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް، ނަން ހުށަހެޅޭގޮތަށް ވަނީ ހަމަޖައްސާފަ އެވެ. އަދި ސަރުކާރުގެ އިދާރާތަކުންނާއި، މިނިވަން މުއައްސަސާތަކުންވެސް ޤައުމީ އިނާމަށް ނަން ހުށަހެޅުއްވޭ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ. ޤައުމީ އިނާމު ދިނުމުގައި ވަކި ފަރުދުންގެ ޚިދުމަތުގެ މުއްދަތު ގުނުމަށް ހަމަޖެހިފައިވަނީ، އެ މީހެއްގެ އުމުރުން 18 އަހަރު ފުރުމަށްފަހުގައި ކުރާ ޚިދުމަތަށެވެ. ޤައުމީ އިނާމުގައި ހިމެނެނީ ދެ ގިންތިއެކެވެ. އެއީ، ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމެވެ. ޤައުމީ އިނާމު ދެއްވާނީ، ޤައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގަ އެވެ.

މައުޟޫޢުތަށް