އެސްޓީއޯއިން އިތުރު 1،500 ޓަނުގެ ގޭސް ސްޓޯރޭޖެއް ތަރައްގީކުރަނީ
އަވަސް
25 މާރިޗު 2026 | ބުދަ | 4:22
އެސްޓީއޯއިން މާލެ ސަރަހައްދުގައި އިތުރު 1،500 ޓަނުގެ ގޭސް ސްޓޯރޭޖެއް ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ އެސްޓީއޯގައި މިވަގުތު ހުރީ 1،000 ޓަނުގެ ސްޓޯރޭޖެއް ކަމަށާއި ސްޓޯރޭޖް އިތުރު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެފައިވާ ކަމަށެވެ. "މިހާރު އެސްޓީއޯއިން އަޅުގަނޑަށް އަންގާފައި އޮތީ ޕްރޮކިއުމަންޓް ލެވަލްގައޭ އޮތީ އިތުރު 1،500 ޓަނުގެ ސްޓޯރޭޖް މާލެ ސަރަހައްދުގައި ޑިވެލޮޕްކުރަން،" މޫސާ ޒަމީރު ވިދާޅުވި އެވެ. އެ މަޝްރޫއު މި އަހަރު ނިމޭނެ ކަމަށް އެސްޓީއޯއިން ބުނެފައިވާ ކަމަށާއި މި ސްޓޯރޭޖާއެކު ދެ މަހާއި ބައިގެ ސްޓޮކެއް މާލެ ސަރަހައްދުގައި ހުންނާނެ ކަމަށް ޒަމީރު ވިދާޅުވި އެވެ. މިނިސްޓަރު ޒަމީރު ވަނީ ގޭސް ލިބުނުގައި ރާއްޖެއަށް ދަތިކަމެއް ނެތް ކަމަށްވެސް ވިދާޅުވެފަ އެވެ. އެ ގޮތުން ބަންގްލަދޭޝާއި ސްރީލަންކާއަށް ގޭސް ސަޕްލައިކުރަނީ ރާއްޖެއަށް ގޭސް ސަޕްލައިކުރާ ފަރާތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. "ބަންގްލަދޭޝްއަށާއި ސިލޯނަށާއި ގޭސް ސަޕްލައި ކުރަނީ އެއް ބައެއް،" މޫސާ ޒަމީރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މި ސަރަހައްދުގެ ގައުމުތަކުގައި ގޭސް ޑިސްޗާޖު ކުރަނީ ކުދި އުޅަނދުތަކުގަ އެވެ. އަދި މޫސުން އޮންނަ ގޮތުން އުޅަނދުތައް ދަތުރުކުރަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ކަމަށްވެސް ވިދާޅުވި އެވެ.