އަމާން އުދަރެހުން ކޮޕާ ފަތިތަކެއް ވަގަށް ނަގަން އުޅުނު މީހަކު ހައްޔަރުކޮށްފި

އަވަސް

26 މާރިޗު 2026 | ބުރާސްފަތި | 10:32

އަމާން އުދަރެސްގެ ޓަވަރަކުން ވައްކަން ކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ ރ. އިނގުރައިދޫ، ކެތި، އަހުމަދު ހުސައިންމަނިކު (42އ) އެވެ. އޭނާއަށް ކުރަނީ އަމާން އުދަރެސް 4 ގެ ޓެރެސް އިން ވައްކަން ކުރަން އުޅުނުކަމުގެ ތުހުމަތެވެ. އޭނާ ފްލެޓް އަރިމަތީ ހުރި ކޮޕާ ފަތިތަކެއް ނައްޓާތަން ފުލުހުންނަށް ފެނިފައިވާއިރު އޭނާ އަތުން އެކި ބާވަތުގެ ޓޫލްސްހުރި ދަބަހެއް ފެނިފައިވާ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެ އެވެ. މި މައްސަލައިގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ. ކޯޓުގައި އަހުމަދު ހުސައިންމަނިކު ވަނީ އޭނާއަކީ މަސްތުވުމަށް ހެރޮއިން ބޭނުންކުރާ މީހެއް ކަމަށް ބުނެފަ އެވެ. އަދި ނިދާނެ ތަނެއް މާލެ/ހުޅުމާލޭގައި ނެތުމުން ނިދަނީ އެކި ތަންތަނުގައި ކަމަށްވެސް ބުނެފަ އެވެ.

މައުޟޫޢުތަށް