ބެލާވިއާ އިން ރާއްޖެއަށް ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެ
އަވަސް
26 މާރިޗު 2026 | ބުރާސްފަތި | 6:15
ބެލަރޫސްގެ ގައުމީ އެއާލައިން -- ބެލާވިއާ އިން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެ އެވެ.
މި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓް މަހު އެވެ. ރާއްޖެއަކީ ވަރަށް އުންމީދީ މަންޒިލެއް ކަމަށް އެ އެއާލައިނުން ވަނީ ބުނެފަ އެވެ. ދަތުރުތައް ފެށުމުގެ ގޮތުން ފުރަތަމަ މަރުހަލާގައި ޓްރަޔަލްގެ ގޮތުގައި ހައެއް ނުވަތަ އަށް ދަތުރު ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ. މިއީ ޑިމާންޑް ދެނެގަތުމަށް ބާއްވާ ދަތުރުތަކެކެވެ. މި އެއާލައިންގެ ދަތުރުތައް ފެށުމަކީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ތެރެއިން އެއާލައިންތަކުން އާ މާކެޓްތައް ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށް ވިޒިޓް މޯލްޑިވްސް އިން ބުންޏެވެ. ފާއިތުވި ހަފުތާތަކުގައި އެކި އެއާލައިންތަކުން ރާއްޖެއަށް ކުރާ ދަތުރުތައް ވަނީ އިތުރުކޮށްފަ އެވެ. މިގޮތުން ބްރިޓިޝް އެއާވޭސް އިން ވަނީ ހަފުތާއަކު ކުރާ ދަތުރުތަކުގެ އަދަދު ތިނަކުން ހަތަރަކަށް އިތުރުކޮށްފަ އެވެ. އަދި ޑިމާންޑަށް ބަލައި ދަތުރުތައް އިތުރުކުރާނެކަން އެ އެއާލައިނުން ވަނީ ފާހަގަކޮށްފަ އެވެ. ސްވިޒަލޭންޑްގެ އެޑެލްވައިސް އެއާ އިން ވެސް ވަނީ އޭޕްރީލް މަހު ރާއްޖެއަށް ގާތްގަނޑަކަށް 20 ދަތުރު ކުރުމަށް ތާވަލުކޮށްފައިވާ ކަމަށް ވިޒިޓް މޯލްޑިވްސް އިން ވަނީ ބުނެފަ އެވެ. މީގެ އިތުރުން އެއާ އިންޑިއާއިން ވެސް ވަނީ މިމަހުގެ 10 އިން 18 އަށް އިތުރު 78 ދަތުރު ބާއްވާފަ އެވެ.