ވިލިމާލޭ 300 އެފޯޑަބަލް ހައުސިން މަޝްރޫއުގެ ބިންގާ އަޅައިފި

އަވަސް

26 މާރިޗު 2026 | ބުރާސްފަތި | 11:02

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ވިލިމާލޭގެ 300 އެފޯޑަބަލް ހައުސިން މަޝްރޫއުގެ ބިންގާ އަޅައިފި އެވެ.

މި މަޝްރޫއުގެ ބިންގާ އެޅުމަށް ވިލިމާލޭގައި މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ. ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރްސީސީ)އާ ހަވާލުކޮށްގެން ވިލިމާލޭގައި ތަރައްގީކުރާ 300 ހައުސިން ޔުނިޓުގެ އެފޯޑަބަލް ހައުސިން މަޝްރޫއުގެ ބިންގާ އަޅުއްވައި ދެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބާއި ބީއެމްއެލް އާއި އާރްސީސީގެ އިސްވެރިންނެވެ. މިރޭ ފެށި މި މަޝްރޫއުގެ ދަށުން 17 ފަންގިފިލާގެ 3 ޓަވަރު ތަރައްގީކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މި މަޝްރޫއުގެ ދަށުން ތަރައްގީކުރަނީ ބޮޑުމިނުގައި 900 އަކަފޫޓު ހިމެނޭ 3 ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ. "އެފޯޑަބަލް ހައުސިންގ" މަޝްރޫއަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، "ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން" މެދުވެރިކޮށް ހުޅުމާލެ އާއި ވިލިމާލޭގައި ފްލެޓް އެޅުމަށް ހިންގާ މަޝްރޫއެކެވެ. މިއީ "ލީސް-ޓު-އޯން" މޮޑެލް، ނުވަތަ ކުއްޔަށް ހިފުމަށްފަހު މިލްކުކުރެވޭ ގޮތަށް ފަހިކޮށްދޭ ފުރުސަތެކެވެ. މި މަޝްރޫއުގެ ދަށުން، ހުޅުމާލެ 1، ހުޅުމާލެ 2، އަދި ވިލިމާލޭގައި 3260 ޔުނިޓް ތަރައްގީކުރާނެ އެވެ.

މައުޟޫޢުތަށް