ސަމްސުއްނިސާ: އެތައް ކުދިންގެ "މަންމަ"އަކަށް
މިހާރު
12 ޖޫން 2025 | ބުރާސްފަތި | 10:54
މާލޭގެ ހަލަބޮލިކަމާ ގާތްނުވެ، ރަށްރަށުގައި ތިބެގެން ރަނގަޅު ތައުލީމެއް ހޯދަން ބަލާ ނަމަ އެއް ރަށަކީ ބ. އޭދަފުއްޓެވެ. ކޮންމެ އަހަރަކު ވެސް ވަރަށް ގިނަ ކުދިން އެ ރަށަށް ކިޔަވަން ބަދަލުވެ އެވެ. ބައެއް ފަހަރު މުޅި އާއިލާއާ އެކުގަ އެވެ. ލޯބިވާ އާއިލާއާ ވަކިން އެކަނި ބަދަލުވާން ޖެހޭ ކުދިން ވެސް ތިބެ އެވެ.
ހަޔާތުގެ މި މުހިއްމު ދަތުރުގައި އޭދަފުއްޓަށް ބަދަލުވާ ނަމަ ކުދިންނާއި ބެލެނިވެރިންނަށް ވެސް ވަރަށް ބޮޑު ހިތްހަމަޖެހުމެއް އޮވެ އެވެ. އާއިލާ ނެތް ތަން ފޫބައްދައިދޭން ސަމްސުއްނިސާ އުމަރު ހުންނާނެ އެވެ. އެއީ ގިނަ ކުދިންތަކެއްގެ ހިތްވަރަކަށް ވި ދެވަނަ "މަންމަ" އެވެ.
މީގެ 13 އަހަރު ކުރިން، އުފަން ރަށް، ރ. މަޑުއްވަރީ ދޫކޮށް ސަމްސުއްނިސާ ނުވަތަ އޭދަފުށީ މީހުންގެ ބަހުން ނަމަ ދޮއްދައްތަ ވެސް އަހަރު ނުވާ ހަގު ދަރިފުޅާއި ހައެއްކަ އަހަރުގެ ދަރިފުޅު ގޮވައިގެން އޭދަފުއްޓަށް ބަދަލުވީ ދަރިންނަށް ކިޔަވައިދޭށެވެ. އޭރު އޭނާގެ އެއް ކުއްޖަކު އޭދަފުށިން ކިޔަވައި ނިންމައިފި އެވެ. ދެން ހުރި ކުއްޖާ ގްރޭޑު 5 ގަ އެވެ.