މަންމައަށް ކޮންމެ މަހަކު ފޮނުވި 100 ޑޮލަރުން ފެށި ވިޔަފާރި އެންމެ އުހަށް!
މިހާރު
3 ޖޫން 2025 | އަންގާރަ | 9:23
އުމުރުން އެންމެ 22 އަހަރުގެ މުހައްމަދު ވަހީދު ބޯޓު ދަތުރު ކުރަން ދިޔައީ ވެސް އުފަން ރަށް ނ. މަނަދޫގައި އަމިއްލަ ވިޔަފާރިއެއް ފެށުމުގެ ނިޔަތުގަ އެވެ. އެއީ އަމިއްލަ ފައިމައްޗަށް ތެދުވުމަކީ އެންމެ ކުޑައިރުއްސުރެ ފެށިގެން އޭނާ ބޭނުންވާ ކަމަކަށް ވާތީ އެވެ. ބޯޓު ދަތުރުކުރުމުގެ ވަޒީފާގައި ކޮންމެ މަހަކު ލިބޭ 200 ޑޮލަރުގެ ތެރެއިން ރަށުގައި ތިބި މައިންބަފައިންނަށް 100 ޑޮލަރު ފޮނުވަމުން ދިޔައީ ފިހާރައެއް ހުޅުމުގެ ބޭނުމުގަ އެވެ.
ވަހީދު ފޮނުވަމުން ދިޔަ އެ ފައިސާގެ ބޭނުން އޭނާގެ މަންމަ ވަރަށް ރަނގަޅަށް ހިފި އެވެ. "އާތު" ގެ ނަމުގައި ފިހާރައެއް ހުޅުވި އެވެ. މިއަދު ވަހީދަކީ މަނަދޫގައި ހުރި އެންމެ ކާމިޔާބު އެއް ވިޔަފާރިވެރިޔާ އެވެ. މަންމަގެ ގޭގެ "ގޮޅިއެއް" ގައި ހުޅުވި ފިހާރަ މާ ބޮޑަށް ވެސް ފުޅާކޮށް އޭނާގެ ފިހާރަތަކުގެ އަދަދު އިތުރުކޮށްފި އެވެ. އެހެން ވިޔަފާރިތަކަށް ވެސް ނުކުމެއްޖެ އެެވެ.
ބޯޓު ދަތުރު ކުރަން އުޅެމުން އެއްކުރި 24،000ރ. އިން ވަހީދުގެ ފުރަތަމަ ފިހާރަ ހުޅުވީ 1992 ވަނަ އަހަރު އެވެ. އެ ވިޔަފާރި ފެށީ އެންމެ އާންމުކޮށް ދިވެހިން އެ ދުވަސްވަރު ގަންނަ ބާވަތްތައް ބަލައިގެންނެވެ.