ފަސޭހަ މޮޅަކުން ޕީއެސްޖީން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފި
މިހާރު
1 ޖޫން 2025 | އާދިއްތަ | 3:52
ވާދަވެރިވާނެ ކަމަށް ބެލެވުނު ފައިނަލް މެޗުން ފަސޭހަކަމާ އެކު އިޓަލީގެ އިންޓަ މިލާން 5-0 އިން ބަލިކޮށް ފްރާންސްގެ ޕީއެސްޖީން، ޔުއެފާ ޗެމްޕިއަންސް ލީގު ފުރަތަމަ ފަހަރަށް މިރޭ ކާމިޔާބުކޮށްފި އެވެ.
ޖަރުމަނުގެ މިއުނިކުގައި ކުޅުނު މި މެޗުން ހޯދި މޮޅާ އެކު ޕީއެސްޖީ މިވަނީ ތިން ތަށީގެ ކާމިޔާބީ ނުވަތަ ޓްރެބަލް ހާސިލްކޮށްފަ އެވެ. ފްރާންސް ލީގާއި، ފްރެންޗް ކަޕް ހިމަނައިގެން، ޕީއެސްޖީ އަށް މި ކާމިޔާބީ ހޯދައިދިނުމުގެ ފަހަތުގައި ހުރީ، 2015 ވަނަ އަހަރު ސްޕެއިނުގެ ބާސެލޯނާއާ އެކު ހަމަ މި ކާމިޔާބީ ހޯދި އެ ގައުމަށް އުފަން ލުއިސް އެންރިކޭ އެވެ.
އަނެއްކޮޅުން އިންޓަ އަށް ސީޒަން ނިންމާލަން ޖެހުނީ ހުސް އަތާ އެވެ. ފަހު ވަގުތު އިޓާލިއަން ލީގު ގެއްލުނުއިރު، އިޓާލިއަން ކަޕުން ކެޓީ ސެމީ ފައިނަލުންނެވެ. ވަރުގަދަ ސްކޮޑެއް އޮވެމެ، ބޮޑު ނާކާމިޔާބަކާ އިންޓަ ކުރިމަތިލާން ޖެހުނުއިރު، މިއީ މުބާރާތުގެ ފައިނަލުން ތިން އަހަރު ތެރޭ އެ ޓީމު ބަލިވި ދެ ވަނަ ފަހަރު ވެސް މެ އެވެ.