ޓެގް އަޅުވައި ދޫކޮށްލީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިމެނޭ ބައެއް
މިހާރު
1 ޖޫން 2025 | އާދިއްތަ | 11:02
ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހުންގެ ތެރެއިން މޮނިޓަރިން ޓެގް އެޅުވުމަށް ފަހު މިހާތަނަށް ތިން މީހަކު ދޫށްލާފައިވާ ކަމަށާއި އެ އެންމެންނަކީ ވެސް މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިމެނޭ ތިން މީހުން ކަމަށް ކޯޓުގެ ލިޔުންތަކުން ހާމަވެއްޖެ އެވެ.
ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުން ދޫކުރަން އަމުރުކޮށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުތަކުގައިވާ ގޮތުން މިހާތަނަށް ދޫކޮށްފައި ވަނީ އިބްރާހިމް ރަޝާދު، މ. ބަދުރު، މުހައްމަދު ނަމީން، ތ. ގުރައިދޫ އަދި މުހައްމަދު ނާޖިހު، ށ. މިލަންދޫ އެވެ.
އޭގެ ތެރެއިން 42 އަހަރުގެ އިބްރާހިމް ރަޝާދަކީ ޑައިމޯފިން ޓްރެފިކްކުރުމުގައި ބައިވެރިވުން ނުވަތަ ކެނެބިސް ބޭނުންކުރުމުގެ ތުހުމަތުކުރާ މީހެކެވެ. އަދި 24 އަހަރުގެ ނަމީނާއި ނާޖިހަށް ވެސް ކުރަނީ ކެނެބިސް ބޭނުންކުރުން ނުވަތަ ކެނެބިސް ޓްރެފިކް ކުރުމުގެ ދައުވާ އެވެ.