ހައްޖުވެރިން މައްކާގައި ތިބޭ މުއްދަތު 15 ދުވަހަށް ކުރު ކުރި ކަމަށް ބުނާ ވާހަކައަކީ ދޮގެއް: މިނިސްޓަރު
މިހާރު
2 ޖޫން 2025 | ހޯމަ | 11:39
ދިވެހި ހައްޖުވެރިން ސައުދީ އަރަބިއްޔާގައި ތިބޭ މުއްދަތު ސަރުކާރުން 15 ދުވަހަށް ކުރުކޮށްފައިވާ ކަމަށް ބުނެ ދައްކަނީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، ދިވެހިން ހައްޖުގެ އަޅުކަމަށް ގޮސް މައްކާގައި މީގެ ކުރިން މަހެއްހާ ދުވަހު ތިބުމުގެ ފުރުސަތު ލިބުނު ނަމަވެސް މި އަހަރު ހައްޖުވެރިންނަށް މައްކާގައި ތިބެވޭނީ 15 ދުވަސް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ސަރުކާރަށް ބައެއް މީހުން ފާޑުކިޔާފައިވާތީ އެވެ.
މި އަހަރު ހައްޖުގެ އަޅުކަމަށް ދިޔަ ދިވެހިންނާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވަން މައްކާގައި ބޭއްވި ބައްދަލުވުމަށް ފަހު، މީޑިއާތަކާ ހިއްސާ ކުރެއްވި މެސެޖެއްގައި މިނިސްޓަރު ޝަހީމް ވިދާޅުވީ ހަމައެކަނި 15 ދުވަހުގެ މުއްދަތަށް މައްކާގައި ތިބޭ އެއްވެސް ބަޔަކު ނުތިބޭނެ ކަމަށް ހައްޖު ކޯޕަރޭޝަނުން އޭނާ އަށް މައުލޫމާތު ދީފައިވާ ކަމަށެވެ.