މިނިވަން ދުވަހުގެ ލޯގޯ ފަރުމާކޮށްގެން 30،000ރ. ހޯދުމުގެ ފުރުސަތު ހުޅުވާލައިފި
މިހާރު
3 ޖޫން 2025 | އަންގާރަ | 10:10
ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބާ ކުލަގަދަކޮށް ފާހަގަކުރާތީ، މި އަހަރުގެ މިނިވަން ދުވަހަށް ލޯގޯ ފަރުމާކޮށްގެން 30،000ރ. ލިބޭ މުބާރާތެއް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީން ހުޅުވާލައިފި އެވެ.
އަންނަ ޖުލައި 26 ގައި ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުން ފާހަގަކުރުމަށް ބޭނުންކުރާނެ ލޯގޯއެއް ހޮވުމަށް ބާއްވާ މުބާރާތަށް ލޯގޯ ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 2:00 އެވެ.
ލޯގޯ ފަރުމާ ކުރުމުގައި އަމަލުކުރާނެ އުސޫލެއް ވަނީ ހަދައިފަ އެވެ. މިނިސްޓްރީން ބުނި ގޮތުގައި ލޯގޯގައި އިސްލާމްދީނާއި ދިވެހިބަހާއި ސަގާފަތާއި ދިވެހި ތަރިކައިގެ އިތުރުން ދިވެހިވަންތަކަމާއި ދިވެހި ބިމުގައި ދިވެހިންގެ ދައުލަތް މިނިވަންކަމާ އެކު ދެމިއޮތުން ރަމްޒުކޮށްދޭން ޖެހެ އެވެ.