ދިގު ކިއުއިން މި ސާފުވީ ކޮން މަންޒަރެއް؟
މިހާރު
4 ޖޫން 2025 | ބުދަ | 9:01
މޯލްޑިވްސް އިމިގްރޭޝަނަށް 50 އޮފިސަރުން ހޯދަން ދާދި ފަހުން އިއުލާން ކުރުމާ އެކު، ވޯކް-އިން އިންޓަވިއު އަށް ގަލޮޅު ސްކޫލް ކައިރީގައި ދަމާލި ދިގު ކިއުއާ އެކު މުޅި ގައުމަށް ލިބުނީ ބޮޑު ހައިރާން ކަމެކެވެ. އިމިގްރޭޝަންގެ 50 ފުރުސަތަށް އެދި ހާހެއްހާ މީހުން ސީވީ އާއި ސެޓްފިކެޓުތައް ހިފައިގެން ގޮސް ގަަދަ އަވީގައި އެތައް އިރެއް ވަންދެން ތިއްބެވެ. އެއީ ރާއްޖޭގެ ވަޒީފާގެ ބާޒާރުގެ ހާލަތާއި ވަޒީފާ ބޭނުންވެފައި ތިބި ޒުވާނުންނާ ގުޅޭ ގޮތުން ކަމާ ބެހޭ ފަރާތްތަކުން ވެސް ފުންކޮށް ވިސްނަން މަޖުބޫރު ކުރުވި ކަމެކެވެ.
އިމިގްރޭޝަންގެ މަދު ވަޒީފާއަކަށް ހާހެއްހާ މީހުންގެ ދިގު ސަފެއް ދަމާލުން އެކަންޏެއް ވެސް ނޫނެވެ. މި ސަރުކާރުން އަލަށް ފެށި ގައުމީ ހިދުމަތުގެ ޕްރޮގްރާމަށް ވެސް 600 އަށް ގިނަ މީހުން ޝައުގުވެރިވެއްޖެ އެވެ. މި މަންޒަރުތަކުން އެއްބަޔަކަށް ފެނުނީ ކޮންމެ އަހަރަކު އެތައް ހާސް ދަރިވަރުންނެއް ސްކޫލް ނިންމާއިރު ވަޒީފާ ނުލިބި މަގުމަތިވެ، ދާނެ މިސްރާބެއް ނެތިފައި އޮތް ގައުމެކެވެ. އަނެއް ބަޔަކު ދެއްކީ ނުފޫޒާއި ބާރުގެ ތެރެއިން ވަކި ބަޔަކަށް މަގާމުތައް ހޯދައި ދިނުމުގެ ނުބައި އާދަ އަށަގަނެފައިވާ ވަރެވެ. ވަޒީފާ ބޭނުންވާ ހަގީގީ ޒުވާނުން ތިބީ މަގުމަތީގަ އެވެ.
މިއީ ބަހުސްކޮށް، ވަޒީފާގެ ބާޒާރަށް ދިމާވެގެން އުޅޭ މައްސަލަތަކާ މެދު ފުންކޮށް ވިސްނަންޖެހޭ ކޮންމެވެސް ނަތީޖާއެއް ނެރެން ޖެހޭ ކަމެކެވެ. ދިވެހިންނަށް ވަޒީފާ ނުލިބި ގޮތް ހުސްވެގެން އުޅޭއިރު ފެންނަނީ ބިދޭސީންނަށް މަގާމުތައް އޮހެމުންދާ ތަނެވެ. އެންމެ އާދައިގެ ވަޒީފާތަކުން ފެށިގެން ގޮސް އެންމެ ޕްރޮފެޝަނަލް ވަޒީފާތަކުން ވެސް ޖާގަ ލިބެނީ އެއްކަލަ ބިދޭސީ މީހާ އެވެ.