އެމްޕީއެލް ޕޯޓު ތިލަފުއްޓަށް ބަދަލުކުރުމުން މުދަލުގެ އަގު ހެޔޮވާނެތަ؟
މިހާރު
4 ޖޫން 2025 | ބުދަ | 12:29
މުޅި މަޝްރޫއުގެ ޖުމްލަ އަގު 255 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވޭ. މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ނިންމުމަށް ހޭދަވާ އަންދާޒާއަކީ 35 މިލިއަން ޑޮލަރު. އަމާޒަކީ ޖުލައި 2026 ގައި ތިލަފުށި ޕޯޓުން ހިދުމަތް ދޭން ފެށުން.
ކައިރި މާޒީ އަށް ބަލާއިރު، ރާއްޖޭގެ އިގުސާދީ ދުވެލި މަޑުޖެހުމުގެ ސަބަބުން، ގައުމުގެ އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށް ވަނީ ފާހަގަކުރެވޭ މިންވަރެއްގެ ނޭދެވޭ އަސަރުތަކެއް ކުރަން ފަށައިފަ އެވެ. މައިގަނޑު މައްސަލަތަކުގެ ތެރޭގައި ގައުމަށް ވަންނަ އާމްދަަނީ އަށް ވުރެ ހަރަދުތައް ބޮޑުވުމާއި ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން އިގުތިސާދީ މަސައްކަތްތައް ހުއްޓުމަކަށް އައުމާއި ދުނިޔޭގެ އިގުތިސާދަށް ކުރިމަތިވި ހީނަރުކަމާއި ޑޮލަރުގެ އަގަށް އައި ބަދަލުތަކާއި ވިޔަފާރިތަކަށް ކުރިމަތިވި ގޮންޖެހުންތައް ހިމެނެ އެވެ.
މީގެ ސަބަބުން މުދަލާއި ހިދުމަތްތަކުގެ އަގު މައްޗަށް ދިއުމާ އެކު، އާމްދަނީ ދަށްވެ، ވަޒީފާ ހޯދުމަށް ދަތިތަކާ ކުރިމަތިވެ، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށް ނޭދެވޭ އަސަރުތަކެއް ކުރަން ފެށި އެވެ. އެކަމަކު، ގޮންޖެހުންތަކަށް އަވަސް އަދި ދެމެހެއްޓެނިވި ހައްލެއް ހޯއްދަވައި ދެއްވުމުގެ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ އިގުތިސާދީ އިސްލާހީ އެޖެންޑާއެއް ތައާރަފު ކޮށްފަ އެވެ. މި އެޖެންޑާގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި އިގުތިސާދީ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމާއި ދައުލަތުގެ އާމްދަނީ އިތުރުކޮށް ހަރަދުތައް ކުޑަކުރުމާއި ރާއްޖެ އަށް ވަންނަ ބޭރު ފައިސާގެ މިންވަރު އިތުރުކޮށް، ދައުލަތުގެ ދަރަނި ދެއްކޭނެ މަގުތައް ފަހިކުރުމާ އެކު، ރާއްޖޭގެ އިގުތިސާދު ހަރުދަނާ ކުރުން ހިމެނެ އެވެ. މި އެޖެންޑާގެ ދަށުން، ފަތުރުވެރިކަމުގެ އިތުރުން މާލީ ހިދުމަތްތަކާއި މެރިޓައިމް ސިނާއަތާއި ޑިޖިޓަލް އިގުސތާދު ފަދަ ދާއިރާތައް ހިމެނޭ ގޮތަށް އިގުތިސާދު ޑައިވާސިފައިކޮށް، އައު ސިނާއަތްތައް ތައާރަފުކޮށް ކުރިއެރުވުމަށް ހާއްސަ އިސްކަމެއް ދޭނެ އެވެ.