ޝަމްއާންގެ ބަންދާ ގުޅޭ މައްސަލަ ބަލަން ސުޕްރީމް ކޯޓުން ނިންމައިފި
މިހާރު
4 ޖޫން 2025 | ބުދަ | 5:51
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ކޯޓުން ނެރުނު އަމުރު ބާތިލްކުރަން އޭނާގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ރަޖިސްޓްރާ ނިންމެވި ނިންމުން އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ބާތިލްކޮށްފި އެވެ.
ޝައްމާންގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ އޭނާ ބަންދުކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރަށް ހައި ކޯޓުން ވެސް ތާއީދު ކޮށްފައި ވާތީ އެވެ. ނަމަވެސް، ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމެވީ ހައި ކޯޓުގެ ހުކުމް ގާނޫނީ އަދި ޝަރުއީ ހަމަތަކާ ހިލާފު ކަމަށް ބަޔާންކުރާ އިސްތިއުނާފީ ނުކުތާއެއް ހުށަހަޅާފައި ނުވާ ކަމަށެވެ.
ރަޖިސްޓްރާގެ އެ ނިންމުން ޝަމްއާންގެ ފަރާތުން ފަނޑިޔާރުންގެ މަޖިލީހަށް ރިވިއު ކުރަން ހުށަހެޅުމުން، އެ މަޖިލީހުން ނިންމީ ޝަމްއާންގެ ފަރާތުން މައްސަލަ ހުށަހަޅާފައިވަނީ ގާނޫނީ ގޮތުން ބަހުސް ކުރެވޭނެ އިސްތިއުނާފީ ނުކުތާތަކަކާ އެކު ކަމަށެވެ. އެހެންވެ، އެ މައްސަލައިގެ ޝަރީއަތް އެ ކޯޓުގައި ހިންގަން ނިންމައި، ރަޖިސްޓްރާގެ ނިންމުން ބާތިލްކުރި އެވެ.