ބްރޯޑްކޮމްގެ އެސްޖީ ކަމަށް ކުރިމަތިލާން ހުޅުވާލައިފި
މިހާރު
5 ޖޫން 2025 | ބުރާސްފަތި | 2:58
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން މަރިޔަމް ޒީނިޔާ ވަކިކުރުމާ ގުޅިގެން ހުސްވެފައިވާ އެ މަގާމަށް ކުރިމަތިލާން އެ ކޮމިޝަނުން ހުޅުވާލައިފި އެވެ.
މިދިޔަ މަހުގެ 25 ގައި ޒީނިޔާ މަގާމުން ވަކިކުރުމުގެ ކުރިން އޭނާ ހުރީ ތިން ދުވަހުގެ މުއްދަތަކަށް ސަސްޕެންޑްކޮށްފަ އެވެ. އޭނާ ސަސްޕެންޑްކުރީ މަސައްކަތްތަކަށް ހުރަސްއެޅޭ ގޮތަށް އަމަލުކުރައްވައި އަދި ނިންމުންތައް ތަންފީޒުކުރުމުގައި އެއްބާރުލުން ނުދެއްވާ ކަމަށް ބުނެ އެވެ. އޭގެ ފަހުން ޒީނިޔާ މަގާމުން ވަކިކުރީ އެވެ.
އެހެންވެ ހުސްވެފައިވާ އެ މަގާމަށް ކުރިމަތިލާން ހުޅުވާލައި ކޮމިޝަނުން ކުރި އިއުލާނުގައިވާ ގޮތުން މަގާމަށް ޝަރުތު ހަމަވާނީ މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އަކަށް ވުރެ މަތީ ސަނަދެއް ހާސިލުކުރުމާ އެކު ހިންގުމުގެ ދާއިރާއިން ދެ އަހަރުގެ ތަޖުރިބާ ހުރި މީހުންނެވެ. ނޫން ނަމަ މާސްޓާސް ހާސިލުކުރުމާ އެކު ހިންގުމުގެ ދާއިރާ އިން ތިން އަހަރުގެ ތަޖުރިބާ ހުންނަން ޖެހެ އެވެ.