ނަޝީދު އަނެއްކާވެސް ރިޔާސީ ރޭހަށް ނުކުންނަވަން ހިޔާލު ހޯއްދަވާތީ ނިޔާގެ ނުރުހުން!
މިހާރު
5 ޖޫން 2025 | ބުރާސްފަތި | 5:41
ދެން އެންމެ އަވަހަށް ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންގުޅުއްވާތީ އެމްޑީޕީގެ ކުރީގެ ޑެޕިއުޓީ ޗެއާޕާސަން އަލީ ނިޔާޒް (ނިޔާ) މިއަދު ނުރުހުން ފާޅުކުރައްވައިފި އެވެ.
ހައްޖުގެ ދުވަހުގެ ތަހުނިޔާގެ މެސެޖާ އެކު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދުގެ ނަން ވިދާޅުނުވެ، އެކަމަކު އެ މަނިކުފާނަށް ދެއްވި ރައްދުގައި ނިޔާ ވިދާޅުވީ، ތިމަންނާ ބޭނުންވުމުން ރޫޅައި ހަލާކުގެ ތެރެއަށް އެންމެން ދޫކޮށްލައި، އަނެއްކާ ވެސް ތިމަންނާ ބޭނުންވުމުން ހަމަ އެ މީހުން ލައްވައި ރާވަން މަސައްކަތް ކުރެވޭ ނިޒާމަކަށް ރުހިވަޑައިނުގަންނަވާ ކަމަށެވެ.
އެމްޑީޕީގެ ލާމަރުކަޒި ކޮމިޓީގެ މުގައްރިރުކަން ވެސް ކުރައްވާ އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ކޮއްކޯފުޅު ނިޔާ މިހެން ވިދާޅުވީ 2028 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ޝައުގުވެރިވެވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވެ، އެކަމުގެ ހިޔާލަކަށް އެދި އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ ބައެއް އިސް ބޭފުޅުންނަށް މެސެޖެއް ފޮނުއްވާފައި ވަނިކޮށެެވެ.