ޕޮލިސް ކޮމިޝަނަރުގެ މަގާމުގެ އިންޓަވިއުތައް ނިންމައި، ރައީސަށް ލަފާ އަރުވަން މިނިސްޓަރަށް
މިހާރު
5 ޖޫން 2025 | ބުރާސްފަތި | 9:14
ސީޕީ ކަމަށް ބޭފުޅަކު ކަނޑައަޅަނީ އެ މަގާމަށް ކުރިމަތިލާ މީހުންގެ ފެންވަރު ގާނޫނުގައިވާ ގޮތުން ޕޮލިސް ބޯޑުން ވަޒަންކޮށް ނުވަތަ އިންޓަވިއު ކުރުމަށް ފަހު، މިނިސްޓަރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން، މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ.
ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލެއްވި ތިން ބޭފުޅުންނާ ޕޮލިސް ބޯޑުން ރޭ އިންޓަވިއުކޮށް ނިންމައި، އެ ބޯޑުގެ މެމްބަރުންގެ މާކްސްތަކާ އެކު، ގޮތެއް ކަނޑައެޅުމުގެ މަރުހަލާ ފެށުމަށްޓަކައި ހޯމް މިނިސްޓަރު އަލީ އިހުސާނަށް މިއަދު ފޮނުވައިފި އެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަލީ ޝުޖާއު މިދިޔަ އޭޕްރީލް 26 ގައި އިސްތިއުފާ ދެއްވުމުންނެވެ. އެހެންވެ، ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާން ހޯމް މިނިސްޓްރީން މިދިޔަ މޭ މަހުގެ 27 ގައި ހުޅުވައިލުމުން އެޕްލިކޭޝަން ހުށަހެޅުއްވީ ފުލުހުންގެ އިދާރާ ހިންގުމާ މިހާރު ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޑެޕިއުޓީ ކޮމިޝަނަރު އިސްމާއިލް ނަވީނާއި ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީ އަދި ސައުތު ޕޮލިސް ކޮމާންޑަރު، އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ޝަމީމެވެ.