އީދު ފާހަގަކުރުމުގައި ހުއްދަ މުނިފޫހިފިލުވުމަކީ ކޮބާ؟

މިހާރު

7 ޖޫން 2025 | ހޮނިހިރު | 8:00

އީދުގައި އުފާވެރިކަމުގެ އިހުސާސްތައް ފާޅުކުރުމަކީ އިންސާނީ ފިތުރަތާއި ނަފުސުގެ ބޭނުންތައް ފުއްދުމަށް އިސްލާމް ދީން ދޭ ފުރުސަތުތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ. ކީރިތި ރަސޫލާ ﷺ މަދީނާއަށް ވަޑައިގެންނެވި އިރު އެ ރަށުގެ އަހުލުވެރިން ފާހަގަކޮށް އުޅުނު ދެ ދުވަހެއްގެ ބަދަލުގައި އަޟްހާ އީދާއި ފިތުރު އީދު މުސްލިމުންނަށް އުފާކުރަން ޝަރުއު ކުރެއްވި އެވެ. (އަބޫދާއޫދު އާއި ނަސާއީ).

އީދުގައި އުފާ ފާޅުކުރުމުގެ ގޮތުން ކުރެވިދާނެ އެންމެ މުހިންމު އެއް ކަމަކީ ތިމާގެ މީހުންނާއި ރައްޓެހިންނާއި އަވައްޓެރިންގެ ގެތަކަށް ޒިޔާރަތްކޮށް ހިތްހެޔޮކަމާ އެކު، އީދުގެ ތަހުނިޔާ ބަދަލު ކުރުމެވެ. މި ތަހުނިޔާއާ އެކު، އެންމެންގެ ހެޔޮ އަމަލުތައް ﷲ ގަބޫލު ކޮށްދެއްވާތޯ ދުއާ ކުރުމެވެ. މީގެ އިތުރުން ހަދިޔާ ބަދަލު ކުރުމެވެ. އީދުގައި އުފާ ފާޅުކުރުމުގެ ގޮތުން ކުރެވިދާނެ ދެވަނަ ކަމަކީ، ކުޅިވަރާއި މުނިފޫހިފިލުވުމުގެ އެކިއެކި ހަރަކާތްތަކުގައި ބައިވެރި ވުމާއި އެފަދަ ހަރަކާތްތައް ބެލުމެވެ. ނަމަވެސް މިގޮތުން ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަމާއި ކުރުން ހުއްދަ ކަންކަމުގައި ވެސް ހިފަހައްޓަން ޖެހޭ މިންގަނޑުތަކެއް އިސްލާމް ދީން ބަޔާން ކުރެ އެވެ. އީދުގައި އުފާ ކުރާއިރު މި ކަންކަން ދެނެގަންނަން ޖެހެ އެވެ.

އީދުގައި އުފާ ފާޅުކުރުމުގެ ގޮތުން ކުޅިވަރާއި މުނިފޫހިފިލުވުމުގެ އެކިއެކި ހަރަކާތްތަކުގެ ގޮތުގައި ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި އާއިލީ ފެންވަރުގައި ބާއްވާ މަހާސަމާ (ފެސްޓިވަލް) ތަކާއި ސަގާފީ ނުވަތަ ކުޅިވަރު މުބާރާތްތަކާއި ކުޑަކުދިންނަށް ހާއްސަ ކޮށްގެން ބާއްވާ ހުށަހެޅުންތަކާއި ހަދިޔާބަދިޔާ ބަދަލު ކުރުމުގެ ހަރަކާތްތަކާއި ކެއުމުގެ ހަފުލާތައް ފަދަ ހަރަކާތްތައް ހިމެނެ އެވެ. މީގެ އިތުރުން ލަވަޔާއި މިޔުޒިކު ހިމެނޭ ސަގާފީ ހަރަކާތްތައް ވެސް އިސްލާމީ މިންގަޑުތަކަށް ފެތޭ ގޮތަށް ބޭއްވިދާނެ އެވެ.

މައުޟޫޢުތަށް