އިންޓަގެ ކޯޗަކަށް ކުރީގެ ޑިފެންޑަރު ކީވޫ

މިހާރު

7 ޖޫން 2025 | ހޮނިހިރު | 10:23

ސިމޯނީ އިންޒާގީ މަގާމުން ވަކިވުމުން، ހުސްވެފައިވާ އިންޓަ މިލާނުގެ ކޯޗުގެ މަގާމަށް އެ ޓީމުގެ ކުރީގެ ޑިފެންޑަރު ރޫމޭނިއާގެ ކްރިސްޓިއަން ކީވޫ ހަމަޖައްސައިފި އެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލުން ޕީއެސްޖީ އަތުން 4-0 އިން ބަލިވިތާ ތިން ދުވަސް ފަހުން، އިންޒާގީ ވަކިވީ ސައޫދީ އަރަބިއްޔާގެ އަލް ހިލާލް އިން އަހަރަކު 26 މިލިއަން ޑޮލަރުގެ މުސާރައެއްދޭ، ދެ އަހަރުގެ ކޮންޓްރެކްޓެއް ދިނުމުންނެވެ.

އިޓަލީގެ އެންމެ ވަރުގަދަ ސްކޮޑް އިންޓަގައި އޮތް ނަމަވެސް، އިންޒާގީއާ އެކު ވެސް އެ ޓީމަށް ހަތަރު އަހަރުން ލީގު ހޯދުނީ އެންމެ ފަހަރަކު އެވެ. ޗެމްޕިއަންސް ލީގު ފައިނަލުން ވެސް ދެ ފަހަރު ބަލިވީ އެވެ. މި މަހު ފަށާ ފީފާ ކްލަބް ވޯލްޑް ކަޕުގެ ކުރިން ކޯޗެއް ހޯދަން އިންޓަ އިން ވަގުތުން ފެށި މަސައްކަތުގައި އެންމެ ބޮޑަށް ގެންނަން ބޭނުންވީ ސްޕެއިނުގެ ކުރީގެ ކުޅުންތެރިޔާ ސެސް ފެބްރިގާސް އެވެ. އިންޓަ އިން ފެބްރިގާސްއާ އެކު އެއްބަސްވުމަކަށް އައި ނަމަވެސް، އޭނާ މިހާރު ކޯޗުކޮށްދޭ އިޓަލީގެ ކޯމޯ އިން ރިލީޒް ނުދިނީ އެވެ.

މައުޟޫޢުތަށް