އައްޑޫ "މަރުގެ މަގު" މިހާރު އަދި މާ ނުރައްކާ!
މިހާރު
10 ޖޫން 2025 | އަންގާރަ | 8:08
ރާއްޖޭގެ އެހެން ރަށްތަކާ އަޅާ ބަލާއިރު އައްޑުއާ ގުޅޭ ކަންތައްތަކުގައި އެކި ސަރުކާރުތަކުން "ފަރުވާކުޑަ ކުރާ" ވާހަކަ އަބަދުވެސް އޮވެ އެވެ. މާލެ ފިޔަވައި އާބާދީ އެންމެ ބޮޑު އައްޑު އަށް ތަރައްގީ އައުން މާ ބޮޑަށް ލަސްވުމާއި ހިންގާ ޕްރޮޖެކްޓްތަކާ އެކު، ހައްލު ނުކުރެވި އެތައް މައްސަލައެއް އެބައޮތެވެ. އެކަމަކު، މިހާތަނަށް އެއީ މާ ބޮޑު ކުރިއެރުމެއް ނެތް ހުސް ވާހަކަތަކެކެވެ.
އެ ވާހަކަތައް ބާއްވާފައި މި ފަހަރު ދައްކަން މި އުޅެނީ މުޅި ރާއްޖޭގައި ވެސް "މަރުގެ މަގު" ކަމަށް އެއްބަޔަކު ކިޔައި އުޅޭ އައްޑޫ ލިންކު ރޯޑުގެ ވާހަކަތަކެވެ. މި ފަހަރު މަރުގެ ވާހަކަތައް "ޕާކު" ކޮށްލަމާ ހިނގާށެވެ.
ތާރު އަޅައިގެން އައްޑޫގެ މަގު ހެދީ، މީގެ 22 އަހަރު ކުރިން އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ސަރުކާރަށް ނެގި 7.9 މިލިއަން ޑޮލަރުގެ ލޯނުގެ ދަށުންނެވެ. އޭރު ހެދި 16 ކިލޯ މީޓަރުގެ މަގު މިހާރު އޮތީ އެއްޗެހި ދުއްވަން ކެރޭ ހާލަތަކު ނޫނެވެ. ތާރުގަނޑުގެ އެކި ހިސާބުތަކުން ކަނޑައިގެން ގޮސް ބޮޑެތި ވަޅުގަނޑުތައް ހެދި މާ ބޮޑަށް ގޯސްވެއްޖެ އެވެ. ފޭދޫ އިން ފެށިގެން ހިތަދުއާ ހަމައަށް އޮތް ލިންކު ރޯޑުގެ ތާރުތައް ނަގައި އަލުން އެ ތަން ހެދުން ނޫން ރައްކާތެރި ގޮތެއް ނެތެވެ.