ކިނބިދޫގެ މިއަހަރުގެ "ބޮޑު ކުނބުސް" ތައްޔާރުކުރީ އުރީދޫގެ އެހީއާ އެކު
މިހާރު
10 ޖޫން 2025 | އަންގާރަ | 12:43
ކޮންމެ ރަށެއްގައި ވެސް އީދަށް ހާއްސަ ސަގާފަތްތަކާއި އާދަކާދަތަކެއް ހުރެ އެވެ. މި ސަގާފަތްތަކާއި އާދަކާދަތަކަކީ އެ ރަށެއްގެ ތާރީހުގެ ބޮޑު ބައެކެވެ. އަދި މިއީ ކޮންމެ ރަށެއްގައި ވެސް އެކަކު އަނެކެއްގެ މެދުގައި ޒަމާނުއްސުރެ އޮންނަ ލޯތްބާއި އެއްބައިވަންތަކަން އާލާކޮށްދީ އީދުގެ ރޫހު ދިރުވައިދޭ ކަންތައްތަކެވެ. ތ. ކިނބިދޫއިން ކޮންމެ އަޟްހާ އީދަކަށް ތައްޔާރު ކުރާ "ބޮޑު ކުނބުސް" އަކީ އެފަދަ ހާއްސަ ސަގާފަތެކެވެ.
"ބޮޑު ކުނބުސް" އަކީ އަޟްހާ އީދުގެ ތިން ދުވަސް ކުރިން ރަށުގެ އެންމެންހެން ނުކުމެ ތައްޔާރުކުރާ ބޮޑު މެޓާގަނޑެކެވެ. މި މެޓާގަނޑު ތައްޔާރުކުރުމަށް ތަކެތި ހޯދުމުން ފެށިގެން, ތައްޔާރުކޮށް ނިންމަނީ ވެސް ރަށުގެ ކުދި ބޮޑު އެންމެން އެކުވެގެންނެވެ. ކިނބިދޫގެ "ބޮޑު ކުނބުސް" އަކީ ކިހިނެތް ކޮންއިރަކު ފެށުނު ސަގާފަތެއްކަން ރަށުގެ ދޮށީ އުމުރުގެ މީހުންނަށް ވެސް ކިޔައިދޭން ދައްޗެވެ. ކޮންމެ މީހެއްގެ ވެސް އެންމެ ދުރު ހަނދާނުގައި ވެސް ހުންނަނީ އަޟްހާ އީދަށް ރަށުގެ އެންމެން އެކުވެ "ބޮޑު ކުނބުސް" ތައްޔާރުކުރާ ކަމެވެ. މިއީ އެރަށުގެ ތާރީހުގެ ވެސް ބޮޑު ބައެކެވެ.
"ބޮޑު ކުނބުސް" ތައްޔާރު ކުރުމުގައި ފުށާއި މާމުޔާއި ހަކުރު އަދި ކާށި ކިރު ފަދަ އެކި ބާވަތްތައް ބޭނުން ކުރެ އެވެ. މި މެޓާގަނޑު ތައްޔާރު ކުރަނީ ރަށުގެ ރައްޔިތުން ހާއްސަކޮށްފައިވާ ވަކި ސަރަހައްދަކަށް ނުކުމެ ތިބެ އެވެ. އެ ތަނުގައި "ބޮޑު ކުނބުސް" ކެއްކުމުގައި އެއްބަޔަކު އުޅޭއިރު, އެ ކެއްކުމުގެ އިރުޝާދުތައް ދިނުމުގައި ރަށުގެ ދުވަސްވީ މީހުން ބައިވެރިވެ އެވެ. އަދި މި ތައްޔާރުކުރާ ގޮތް ބަލައި ދަސްކުރުމުގައި ރަށުގެ ކުޑަކުދިންނާއި ޒުވާނުން ބައިވެރިވެ އެވެ.