ފޯޅަވަހީގައި ވަޒަންވެރި ނުވެވޭތީ އަދިވެސް ހައްގު ނުލިބޭ ކަމަށް ބުނެފި
މިހާރު
11 ޖޫން 2025 | ބުދަ | 6:31
އިނގިރޭސި ވިލާތުން ޗާގޯސްގެ ރަށްތައް މޮރިޝަސްއާ ހަވާލުކުރިޔަސް އެ ރަށްތަކުން ބޭރުކޮށްލި މީހުންގެ ހައްގުތައް އަދިވެސް ކަށަވަރު ނުވާ ކަމަށް އދ.ގެ ތަޖުރިބާކާރުންގެ ޓީމަކުން އިއްޔެ ބުނެފި އެވެ.
މިދިޔަ މަހު ސޮއިކުރި އެއްބަސްވުމުގެ ދަށުން ޗާގޯސްގެ ރަށްތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައ ވިޔަސް އެ އަތޮޅުގެ އެންމެ ބޮޑު ރަށް ކަމަށްވާ ޑިއޭގޯ ގާސިއާ (ފޯޅަވަހި) މިހާރުވެސް އިނގިރޭސި ވިލާތާއި އެމެރިކާއިން އަސްކަރީ މަރުކަޒެއްގެ ގޮތުގައި ބޭނުންކުރުމަށް ވަނީ ދީފަ އެވެ. އެ ރަށް 99 އަހަރަށް އެ ގޮތުގައި ބާއްވަން އެއްބަސްވެފައިވަނީ އަހަރަކު 137 މިލިއަން ޑޮލަރުގެ ކުއްޔަށެވެ.
ޗާގޯސް އަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ތަނެއް ކަމަށް އދ.ގެ އެންމެ މަތީ ކޯޓުން ނެރުނު ލަފަޔާ އެއްގޮތަށް، ޗާގޯސްގެ 50 އަށް ވުރެ ގިނަ ރަށުގައި، އެތަނުން 1960ގެ ތެރޭ އިނގިރޭސި އިސްތިއުމާރުގައި ނެރެލި މީހުން ވަޒަންވެރިވުމުގެ ފުރުސަތު ލިބޭނެ އެވެ. އެކަމަކު ފޯޅަަވަހި އަދިވެސް އޮންނާނީ އަސްކަރީ މަރުކަޒެއްގެ ގޮތުގައި ކަމަށް ވާތީ އެތަނުގައި ވަަޒަންވެރިއެއް ނުވެވޭނެ އެވެ.