ސުޕްރީމް ކޯޓަށް ފަނޑިޔާރު ސަލީމާއި ހަމީދު އައްޔަންކުރަން މެންބަރުންގެ އިއްތިފާގުން ރުހުން ދީފި
މިހާރު
11 ޖޫން 2025 | ބުދަ | 10:48
ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުންގެ ދެ މަގާމަށް ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އެ ދެބޭފުޅުންގެ ނަމަށް ރުހުން ހޯދަން މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި ފަނޑިޔާރު ސަލީމާ އެއްކޮޅަށް 61 މެންބަރަކު ވޯޓު ދެއްވި އެވެ. ފަނޑިޔާރު ހަމީދާ އެއްކޮޅަށް 60 މެންބަރަކު ވޯޓު ދެއްވި އެވެ. އެ ދެ ބޭފުޅުން އެ މަގާމަށް އައްޔަން ކުރުމާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ނުދެއްވަ އެވެ.
ފަނޑިޔާރު ސަލީމާއި ހަމީދު ސުޕްރީމް ކޯޓަށް އައްޔަން ކުރަން ފެންނަ ކަމަށް އިދިކޮޅު އެމްޑީޕީގެ މެންބަރުން ވެސް މިއަދުގެ ޖަލްސާގައި ވޯޓު ދެއްވި އެވެ. އެ ދެ ބޭފުޅުންގެ ނަމަށް ރުހުން ދޭން ޖުޑިޝަރީ ކޮމިޓީން ވެސް ނިންމީ އެމްޑީޕީގެ މެންބަރުންގެ ތާއިދާ އެކު އެވެ.