ޕްރިމިއާ ޗެމްބާސްއަށް ނާޒިމް މިލިއަން ރުފިޔާ ދޭންޖެހޭކަން ސާބިތެއް ނުވި
މިހާރު
12 ޖޫން 2025 | ބުރާސްފަތި | 12:50
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރުގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ހައްޔަރުކޮށް ޖަލަށް ލުމުން ޕްރިމިއާ ޗެމްބާސް އިން ފޯރުކޮށްދިން ގާނޫނީ ހިދުމަތަށް ލިބެންޖެހޭ ކަމަށް އެ ލޯ ފާމުން ބުނާ 1.3 މިލިއަން ރުފިޔާ އަކީ ދޭންޖެހޭ ފައިސާއެއް ކަމަށް ސާބިތުނުވާ ކަމަށް ފަސް އަހަރު ފަހުން ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
މާފަންނު އުތުރު ދާއިރާގެ މިހާރުގެ މަޖިލިސް މެންބަރު ނާޒިމް ގ. އެނިފްގޭގައި އުޅުއްވި ކޮޓަރިން ހަނގުރާމަވެރި ހަތިޔާރު ފެނުނު ކަމަށް ބުނެ ހައްޔަރުކުރީ ފެބްރުއަރީ 10، 2015 ގަ އެވެ.
އެ މައްސަލައިގައި މާޗް 27، 2015 ގައި ނާޒިމް 11 އަހަރަށް ޖަލަށް ލާން ކުރި ހުކުމް އިސްތިއުނާފުކުރަން ހައި ކޯޓަށް ހުށަހެޅުމަށް ކުރި މަސައްކަތް ކުރީ ވަކީލް ޝާހީން ހަމީދާއި ވަކީލް މައުމޫން ހަމީދު އަދި ހަސަން މާޒް ޝަރީފް ހިއްސާވެ ވަޑައިގަންނަވާ ޕްރިމިއާ ޗެމްބާސް އިންނެވެ. ނަމަވެސް ހައި ކޯޓާ ހިސާބުން ނާޒިމް ވަނީ އެ ލޯ ފާމު ދޫކޮށްލައްވައިފަ އެވެ.