ކިމް ސުޔޫނަށް މިލިއަނުން ގެއްލުން، ލަގްޒަރީ އެޕާޓްމަންޓު ވެސް އަތުލައިފި
މިހާރު
15 ޖޫން 2025 | އާދިއްތަ | 7:40
ކުޑަކުއްޖަކާ އެކު ނަހަމަ ގުޅުމެއް ބޭއްވި ކަމަށް ބުނެ ބޮޑެތި ތުހުމަތުތަކެއް އަމާޒުވެފައިވާ ދެކުނު ކޮރެއާގެ އެންމެ އަގުބޮޑު އެކްޓަރު ކިމް ސުޔޫނަށް މިލިއަނުން ގެއްލުން ވެއްޖެ އެވެ.
"ކުއީން އޮފް ޓިއާސް" ކަހަލަ ކޮރެއާގެ މަޝްހޫރު ޑްރާމާތަކުގައި މަސައްކަތްކޮށްފައިވާ އުމުރުން 37 އަހަރުގެ ކިމް ސުޔޫން ނަހަމަ ގުޅުމެއް ބޭއްވި ކަމަށް ތުހުމަތުކުރަނީ، މިދިޔަ ފެބްރުއަރީ މަހު އަމިއްލައަށް މަރުވި ދެކުނު ކޮރެއާގެ އެކްޓްރެސް ކިމް ސެރޮންއާ އެކުގަ އެވެ. ނަމަވެސް، އެ ތުހުމަތަށް ކިމް ސުޔޫން އިންކާރު ކުރެ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، ކިމް ސުޔޫންގެ ހަތަރު ލަގްޒަރީ އެޕާޓްމަންޓު ހުންނައިރު، އެތަނުން އެއް އެޕާޓްމަންޓު މިހާރު ވަނީ އަތުލައިފަ އެވެ. ކޯޓު އަމުރެއްގެ ދަށުން އެ އެޕާޓްމަންޓު އަތުލީ އޭނާއަށް ކުރާ ތުހުމަތުތަކާ ގުޅިގެން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އޭނާ ބްރޭންޑް އެމްބެސެޑަރުކަން ކުރާ "ކްލެސީ" ކިޔާ ބްރޭންޑަކުން ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގަ އެވެ. އެ ބްރޭންޑުން ވަނީ ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި، ތިން ބިލިއަން ކޮރެއަން ވޮން (2.19 މިލިއަން ޑޮލަރު) ނަގައިދޭން އެދިފަ އެވެ.