ހަމަލާތަކުގެ ސަބަބުން ޓަރެމީ ތެހެރާނުގައި ތާށިވެފައި
މިހާރު
16 ޖޫން 2025 | ހޯމަ | 10:46
އިންޓަ މިލާނުގެ އީރާން ފޯވާޑް މަހުދީ ޓަރޭމީ އެ ގައުމުގައި ތާށިވެފައި ހުރުމުން، އޭނާ އަށް ކްލަބް ވޯލްޑް ކަޕުގައި ނުކުޅެވިދާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އިޓާލިއަން ލީގު ނިމުމުން، ގައުމީ ޓީމުގެ މެޗުތައް ކުޅުމަށާއި، އާއިލާއާ އެއްކޮށް ވަގުތު ހޭދަކޮށްލަން ތެހެރާނަށް ދިޔަ ޓަރެމީ ތާށިވީ، އީރާނާއި އިޒްރޭލުން ހަމަލާ ބަދަލުކުރަމުން އަންނާތީ، އީރާނުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައި އޮތުމުންނެވެ.
އެހެންވެ އެމެރިކާގައި މިހާރު ކުރިއަށްދާ ކްލަބް ވޯލްޑް ކަޕަށް، ލޮސް އެންޖެލިސްގައި ކޭމްޕްކޮށްފައިވާ އިންޓަ ޓީމާ އޭނާ އަށް އަދި ގުޅެވޭ ގޮތެއް ނުވެ އެވެ. ޔަގީނުން ވެސް އިންޓަގެ ފުރަތަމަ މެޗުގައި ބުދަ ދުވަހު މެކްސިކޯގެ މޮންޓެރޭއާ ދެކޮޅަށް ނުކުޅެވޭނެ އެވެ. އިޓަލީ މީޑިއާތަކުން ބުނާ ގޮތުގައި އޭނާ އަށް މުބާރާތުގެ އެއްވެސް ހިސާބެއްގައި ނުކުޅެވޭނެ އެވެ.