ދަރިމައިވާ ރޭޓު ދުވަހަކު ދަށަށް ނުދާ ވަރަށް ދަށަށް
މިހާރު
19 ޖޫން 2025 | ބުރާސްފަތި | 8:43
މުޅި ދުނިޔޭގައި ދަރިމައިވާ ރޭޓު ހީވެސް ނުކުރާ ވަރަށް ދަށަށް ގޮސްފައިވާ ކަމަށް އދ. އިން ބުނެފި އެވެ.
އާއިލާއާ ބެހޭ އދ.ގެ ޖަމިއްޔާ، ޔޫއެންއެފްޕީއޭ އިން ވަނީ ދަރިމައިވާ ރޭޓު ދަށްވުމާ ގުޅޭގޮތުން ދިރާސާއެއް ހަދައިފަ އެވެ. މި މަހުގެ 10 ވަނަ ދުވަހު ނެރުނު ދިރާސާ ރިޕޯޓަށް 14 ގައުމަކުން 14،000 އަށްވުރެ ގިނަ އަންހެނުންނާއި ފިރިހެނުންގެ މައުލޫމާތު އެއްކޮށްފައިވެ އެވެ.
އެ ގައުމުތަކަކީ؛ ދެކުނު ކޮރެއާ، ތައިލެންޑު، އިޓަލީ، ހަންގޭރީ، ޖަރުމަނު، ސްވިޑަން، ބްރެޒިލް، މެކްސިކޯ، އެމެރިކާ، އިންޑިއާ، އިންޑޮނޭޝިއާ، މޮރޮކޯ، ސައުތު އެފްރިކާ އަދި ނައިޖީރިއާ އެވެ. އެއީ ދުނިޔޭގެ އާބާދީގެ ތިންބައިކުޅަ އެއްބައި އާބާދީ އެވެ. ޔޫއެންއެފްޕީއޭއިން ބުނީ ދިރާސާގައި ބައިވެރިވި ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން ދަރިން ހޯދުމަށް ހުރަސް އެޅެނީ އިގުތިސޯދީ ދަތިތަކުގެ ސަބަބުން ކަމަށެވެ. އެއީ، އެ ޖަމިއްޔާއިން ސިފަކުރި ގޮތުގައި ހަގީގީ ކާރިސާއެކެވެ.