ރާމޯސްގެ މޮންޓެރޭ އާއި އިންޓަ އެއްވަރު
މިހާރު
18 ޖޫން 2025 | ބުދަ | 2:26
ޕަސަޑޭނާ (ޖޫން 18) - ރެއާލް މެޑްރިޑުގެ ކުރީގެ ޑިފެންޑަރު ސާޖިއޯ ރާމޯސް މިހާރު ކުޅެމުން އަންނަ މެކްސިކޯގެ މޮންޓެރޭ އާއި އިޓަލީގެ އިންޓަ މިލާނުން ފީފާ ކްލަބް ވޯލްޑް ކަޕުގައި ކުޅުނު މެޗު 1-1 އިން އެއްވަރު ވެއްޖެ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ލީޑު ނެގީ ވެސް މޮންޓެރޭ އެވެ. މި ލަނޑު ޖެހީ ސްޕެއިން ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އުމުރުން 39 އަހަރުގެ ކެޕްޓަން ރާމޯސް އެވެ. އެންމެ ފަހުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުން ބަލިވި އިންޓަ އެއްވަރު ކުރި ލަނޑު ހާފު ނިމެން ގާތްވެފައި ވަނިކޮށް ޖަހައިދިނީ ލަޓައުރޯ މާޓިނޭޒް އެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވުނު ރާމޯސް، ޔޫރަޕް ދޫކޮށް މެކްސިކޯ ލީގަށް ބަދަލުވީ މީގެ ހަތަރު މަސް ކުރިންނެވެ. ރާމޯސް ވަނީ މޮންޓެރޭ އަށް މިހާތަނަށް 10 މެޗު ކުޅެދީ ފަސް ގޯލު ޖަހައިފަ އެވެ.