ބްރޯޑްކޮމް އަށް ޒަމްއަތު އައްޔަންކޮށްފި
މިހާރު
18 ޖޫން 2025 | ބުދަ | 4:06
ރައީސް ޑރ. މުހައްމަދު މުއިއްޒު، ބްރޯޑްކާސްޓިން ކޮމިޝަނުން ހުސްވި ގޮނޑިއަށް ޒަމްއަތު އަހުމަދު ވަހީދު މިއަދު އައްޔަންކުރައްވައިފި އެވެ.
އެ ކޮމިޝަންގެ މެންބަރު އާމިނަތު އަމީނާ (އަނާ) ގެ ދައުރު ހަމަވުމުން، ކޮމިޝަންގެ މެންބަރު ކަމަށް ހުޅުވައިލުމުން ހަ ބޭފުޅަކު ކުރިމަތިލެއްވި އެވެ. އެ ހަ ބޭފުޅުންނާ ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އިންޓަވިއުކޮށް 75 މާކްސް އަށް ވުރެ މަތިން ތިން ބޭފުޅަކަށް ލިބިވަޑައިގެންނެވި އެވެ.
އޭގެ ތެރެއިން، 56 މެމްބަރުންގެ ވޯޓާ އެކު، ގދ. ތިނަދޫ، މަލަ، ޒަމްއަތުގެ ނަން މަޖިލީހުން ފާސްކުރީ މިދިޔަ ހޯމަ ދުވަހެވެ.