ފައްޔާޒުގެ ކަންބޮޑުވުމާ ގުޅިގެން، ސަރުކާރުން ދެއްކީ ހުއްދަ ނެތި އެއްވެވޭނެ ތަންތަން
މިހާރު
20 ޖޫން 2025 | ހުކުރު | 12:25
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޑިމޮކްރެޓްސް ޕާޓީގެ އެހެން ގިނަ މެމްބަރުންތަކެއް އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުން ކުލަގަދަކޮށް ފާހަގަކުރުމަށާއި އެމްޑީޕީގެ އަހަރީ ދުވަހުގެ ހަފުލާތަކަށް ސަރުކާރުން ތަނެއް ނުދެއްކި ކަމަށް ވިދާޅުވެ، ޗެއާޕާސަން ފައްޔާޒު އިސްމާއިލް ފާޅުކުރެއްވި ކަންބޮޑުވުންތައް ސަރުކާރުން މިރޭ ދޮގުކޮށްފި އެވެ.
އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ޗެއާޕާސަން ފައްޔާޒު ވިދާޅުވީ، ޑިމޮކްރެޓްސްގެ މެމްބަރުން އަލުން އެމްޑީޕީއާ ގުޅުމަށާއި ޕާޓީގެ އަހަރީ ދުވަހުގެ ހަރަކާތްތައް ތަނެއް ހަމަޖެއްސުމުގެ ކަންކަމަށް ސަރުކާރުން ހުރަސް އަޅަމުންދާ ކަމަށެވެ.
އެހެންވެ، އޭނާ ވިދާޅުވީ ނަޝީދަށް އެމްޑީޕީން މަރުހަބާ ދެންނެވުމުގެ ހަފުލާ އަށް އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ސަރުކާރުން ތަނެއް ނުދައްކައިފި ނަމަ އެ ހަފުލާ ބާއްވާނީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު މުލީއާގޭގެ ކަންމަތީގައި ކަމަށެވެ. އެހެންވެ، އެ ހާލަތުގައި ހޯމަ ދުވަހުގެ ރޭ ނުވައެއް ޖަހާއިރު އެ ސަރަހައްދަށް އެމްޑީޕީގެ މެމްބަރުން ދިއުމަށް ފައްޔާޒު "އެކްސް" ގައި ދައުވަތު ދެއްވި އެވެ.