ހިޔާވެހި ސްކީމްގެ ލޯނުތައް އަންނަ މަހު ދޫކުރަން ފަށަނީ
މިހާރު
20 ޖޫން 2025 | ހުކުރު | 3:43
ކުޑަ އިންޓްރެސްޓް ރޭޓެއްގައި ބޯހިޔާވަހިކަމަށް ލޯނު ދޫކުރާ "ހިޔާވެހި" ފައިނޭންސިން ސްކީމަށް ޝަރުތު ހަމަވާ މީހުންނަށް ލޯނު ދޫކުރުމުގެ މަސައްކަތް ލަސްވެގެން އަންނަ މަހު ފަށަައިގަނެވޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
ފަސް ޕަސެންޓުގެ އިންޓްރެސްޓުގައި ދޫކުރާ އެ ލޯނަށް އެދި ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު 2،256 ފޯމު ހުށަހެޅި ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މިދިޔަ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި އެ ސްކީމުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް ހޯރަފުށި ދާއިރާގެ މެމްބަރު އަލީ މޫސާ ކުރެއްވި ސުވާލެއްގެ ޖަވާބުގައި ހައުސިން މިނިސްޓަރު ވިދާޅުވީ، އެއީ ސަރުކާރުން ފަސް ޕަސެންޓަށް ސަބްސިޑައިޒް ކޮށްގެން ކުރިއަށް ގެންދާ ސްކީމަކަށް ވާތީ، މިހާރު ކުރިއަށް ގެންދަނީ ފައިނޭންޝަލް އިންސްޓިޓިއުޝަންތަކާ އެކު، އެއްބަސްވުންތަކުގައި ސޮއިކުރުން ކަމަށެވެ.