ޖަޕާނުގެ އުރަވާ އަތުން އިންޓަ މޮޅުވީ ފަހު ވަގުތު
މިހާރު
22 ޖޫން 2025 | އާދިއްތަ | 9:26
ސީޓްލް (ޖޫން 22) - ފީފާ ކްލަބް ވޯލްޑް ކަޕްގައި ރޭ ޖަޕާންގެ އުރަވާ ރެޑް ޑައިމަންޑާ ވާދަކޮށް ފަހަތުން އަރައި 2-1 އިން އިޓަލީގެ އިންޓަ މިލާން ފަހު ވަގުތު މޮޅުވެއްޖެ އެވެ.
މެޗުގެ 11 ވަނަ މިނިޓުގައި ރިޔޯ މާ ވަޓަނަބޭ އެ ޓީމަށް ލީޑު ނަގައިދީފައި ވަނިކޮށް އެއްވަރުކުރި ލަނޑު ޖެހީ 78 ވަނަ މިނިޓުގައި ލައުޓާރޯ މާޓިނޭޒް އެވެ. އަދި 90 މިނިޓު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ދެ ވަނަ މިނިޓުގައި އިންޓަ މޮޅު ކޮށްދިން ލަނޑު ޖަހައިދިނީ ވަލެންޓިން ކާބޮނީ އެވެ.
މިއީ މި އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލް ކުޅުނު އިންޓަ، ކްލަބް ވޯލްޑް ކަޕްގައި މޮޅުވި ފުރަތަމަ މެޗެވެ. އާ ކޯޗު ކްރިސްޓިއަން ކީވޫ އާ އެކު ފުރަތަމަ މެޗުގައި މެކްސިކޯގެ މޮންޓެރޭއާ ވާދަކޮށް އެއްވަރުވި އިރު، ދެ ވަނަ މެޗު ކާމިޔާބު ކޮށްގެން މި ވަނީ ދެ ވަނަ ބުރުގެ ޖާގައެއް ހޯދުމުގެ އުއްމީދު ދަމަހައްޓައިފަ އެވެ.