އަނެއްކާވެސް އަލްހާނު އާ އިންވެސްޓްމަންޓް ސްކީމެއް ފަށައިފި
މިހާރު
22 ޖޫން 2025 | އާދިއްތަ | 11:34
ކިންގްސް ކެޕިޓަލްސް ހޯލްޑިންގްސް ކުންފުނިން ގާނޫނާ ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް ތައާރަފްކޮށް، ގިނަ ބައެއްގެ އަތުން ފައިސާ އަތުލި މައްސަލާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލްހާން ފަހުމީއަށް ދައުވާކުރަން ފޮނުވާފައިވަނިކޮށް އަނެއްކާ ވެސް އާ ސްކީމެއް އޭނާ އިސްވެ ފަށައިފި އެވެ.
ކިންގްސް ކެޕިޓަލްސް އިން ގިނަ ބައެއްގެ އަތުން ފައިސާ ނަގައިގެން ހިންގި އިންވެސްޓްމަންޓް ސްކީމްގެ މައްސަލާގައި އަލްހާނާއި އޭނާގެ ދެ ކޮއްކޮ ޝަހުބާން ފަހުމީ އަދި ޝަޒްބާން ފަހުމީގެ ޓެކުމުގެ 13 ދައުވާއެއް ދައުލަތުން ކުރެ އެވެ. އެ ދައުވާތައް އެ ތިން މީހުންގެ މައްޗަށް ނުކުރެވޭނެ ކަމަށް ބުނެ، ދައުވާތައް ބޭރު ކުރަން ކްރިމިނަލް ކޯޓަށް ހުށަހެޅުމެއް ހުށަހެޅިޔަސް ކޯޓުން މިދިޔަ މަހު ނިންމީ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށެވެ.
އެ މައްސަލަ ބަލަމުންދަނިކޮށް 2023 ގެ މެދުތެރޭގައި ވެސް އަލްހާން ވަނީ "ކޮޕީ ޓްރޭޑިން" ގެ ނަމުގައި އާ ސްކީމެއް ފަށައި އިޝްތިހާރު ކޮށްފަ އެވެ. އޭގެ ފަހުން އަނެއްކާ އިއްޔެ އާންމުކުރި ނޫސްބަޔާނެއްގައި ވެސް އާ ސްކީމެއް އޭނާ އިއުލާންކުރި އެވެ.