ރަތް ކަނޑުން ދަތުރުކުރާ އެމެރިކާގެ ބޯޓުތަކަށް ހަމަލާ ދޭން ޔަމަނުގެ ހޫތީން ތައްޔާރުވެއްޖެ
މިހާރު
22 ޖޫން 2025 | އާދިއްތަ | 11:59
ރަތް ކަނޑުން ދަތުރުކުރާ އެމެރިކާގެ ހަނގުރާމަމަތީ އުޅަނދުތަކާއި އެ ގައުމުގެ އެހެން ބޯޓުތަކަށް ހަމަލާ ދޭން ޔަމަނުގެ ބޮޑު ސަރަހައްދެއް ކޮންޓްރޯލްކުރާ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ހޫތީން ތައްޔާރުވެއްޖެ އެވެ.
މިއަދު ހެނދުނު އެމެރިކާގެ އަސްކަރިއްޔާއިން ވަނީ، އިރާނުގެ ނިއުކްލިއަ ތިން މަރުކަޒަކަށް ބޮން އަޅައިފަ އެވެ. އެމެރިކާއިން އިރާނަށް ހަމަލާ ދީފިނަމަ، އެމެރިކާގެ ބޯޓްތަކަށް ހަމަލާ ދޭން ކަމުގެ އިންޒާރު ހޫތީ ގުރޫޕުން ކުރިން ވެސް އޮތީ ދީފަ އެވެ.
އެމެރިކާ އާއި ހޫތީންނާ ދެމެދު މިދިޔަ މަހު ހަމަލާ ނުދިނުމުގެ އެއްބަސްވުމެއް ގާއިމު ކުރި އެވެ. އެ އެއްބަސްވުމުގައި ވަނީ ދެ ފަރާތުން އެއްބަޔަކު އަނެއް ބަޔަކަށް ހަމަލާ ނުދިނުމަށް އެއްބަސް ވެފަ އެވެ. ހޫތީންނާ އެކު ގާއިމު ކުރި ސުލްހައިގެ އެއްބަސްވުމުގެ ދަށުން އެމެރިކާގެ ބޯޓްތަކަށް ހަމަލާ ދިނުން ހޫތީން އޭރު ހުއްޓާލި އެވެ.