ފޯކައިދޫ ދަރިވަރުންގެ ރަން ވަނަތަކަކީ ރަށަށް ހިދުމަތް ކުރަން އޮތް ލޯބި
މިހާރު
25 ޖޫން 2025 | ބުދަ | 9:03
ށ. ފޯކައިދޫ ހޮސްޕިޓަލުގެ ނަރުހުންގެ ގޮތުގައި މުޅިން ވެސް ތިބީ ރަށު ސްކޫލުން ކިޔަވައިގެން ކޯސް ފުރިހަމަ ކުރި މީހުންނެވެ. ބިދޭސީއަކު ނެތެވެ. ރަށު ސްކޫލުގެ 55 ޓީޗަރުންގެ ތެރޭގައި ވެސް ގިނައީ އެ ރަށަށް ނިސްބަތްވާ މީހުންނެވެ. އެއީ މާ ދުރާލައި ކުރަމުން އަންނަ ބުރަ މަސައްކަތުގެ ނަތީޖާ އެވެ. ރަށުގެ ކުދިން ރަށަށް ހިދުމަތް ކުރުމެވެ. އޯ ލެވެލާއި އޭ ލެވެލް އިމްތިހާނަށް ތައްޔާރުވަމުން އަންނައިރު، ރަށަށް ބޭނުންވާ ދާއިރާއަކުން ކުރިއަށް ދާން މަސައްކަތް ކުރުމަކީ ފޯކައިދޫގެ ދަރިވަރުން ދައްކާ ނަމޫނާއެކެވެ.
މިދިޔަ އަހަރުގެ އޯ ލެވެލް އާއި އޭ ލެވެލް އިމްތިހާނުގެ ނަތީޖާ އިން ވެސް ފޯކައިދޫ ސްކޫލްގެ ދަރިވަރުން ދެއްކީ ރަށަށް އޮތް ލޯތްބެވެ. ހިދުމަތް ކުރަން އޮތް ޝައުގުވެރި ކަމެވެ.
އޯ ލެވެލް އިމްތިހާނުގެ ގަދަ 10 ގައި ފޯކައިދޫގެ ނުވަ ކުދިން ހިމެނުނެވެ. އޭ ލެވެލް ގަދަ 10 އަކުން ހަ ކުދިން ޖާގަ ހޯދި އެވެ. އެންމެ ގިނަ ކުދިން ގަދަ 10 ގައި ހިމެނި މިދިޔަ އަހަރަކީ ސްކޫލަށް ރަން ވަނައެއް ލިބުނު އަހަރެކެވެ.