މެދުއިރުމަތީގައި ހަމަޖެހުން ގާއިމްކުރަން ރާއްޖޭގެ އެހީތެރިކަން އީރާނަށް ލިބޭނެ: ރައީސް
މިހާރު
23 ޖޫން 2025 | ހޯމަ | 4:42
އިޒްރޭލުން އީރާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގައި އުފެދިފައިވާ ހަމަނުޖެހުންތައް ހައްލުކޮށް، ސުލްހަ ގާއިމްކުރަން ރާއްޖޭގެ އެހީތެރިކަން ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އެގޮތަށް ވިދާޅުވީ އީރާނުން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު ޑރ. އަލީރިޒާ ދެލްކޯޝްގެ ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އެރުވުމަށް ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތަށްފަހު ދެ ބޭފުޅުން ކުރެއްވި މަޝްވަރާތަކުގަ އެވެ.
ރައީސް އޮފީހުން ބުނީ ދެ ގައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިކުރުމާއި އިގުތިސާދީ ގޮތުން އެއްބާރުލުން އިތުރު ކުރުމާއި ފަންނީ ތަޖުރިބާ ހިއްސާކުރުމާއި ކުރިއަށް އޮތް ތަނުގައި ރައްޔިތުންގެ މެދުގައި އިތުރަށް ގުޅުން ބަދަހިކުރުމުގެ ޝައުގުވެރިކަން ދެ ބޭފުޅުން ވެސް ފާޅުކުރެއްވި ކަމަށެވެ.