ދެ އަހަރަށް ފަހު ނަޝީދު އަލުން އެމްޑީޕީއަށް
މިހާރު
23 ޖޫން 2025 | ހޯމަ | 10:29
ކުރީގެ ރައީސް އަދި އިދިކޮޅު އެމްޑީޕީގެ ވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލުން މިރޭ އެމްޑީޕީއާ ގުޅިވަޑައިގެންފި އެވެ.
ނަޝީދު އަލުން އެ ޕާޓީއާ ގުޅިވަޑައިގަތުން ފާހަގަކުރުމަށްޓަކައި ސަލްޓަން ޕާކުގައި ބޭއްވި ހާއްސަ ޖަލްސާގައި ދެ އަހަރު ފަހުން އެމްޑީޕީގެ ރީނދޫ ޕޯޑިއަމްގައި ވަނީ އެ މަނިކުފާނުގެ "ސްޓައިލް" ގައި ޖޯޝާއި ފޯރީގައި ވާހަކަފުޅު ދައްކަވައިފަ އެވެ.
އެ ޖަލްސާ ބޭއްވީ ނަޝީދާއި ޑިމޮކްރެޓްސް ޕާޓީގެ އެހެން ގިނަ މެމްބަރުންތަކެއް އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުން ކުލަގަދަކޮށް ފާހަގަކުރުމަށެވެ. ފޯރިގަދަ އެ ޖަލްސާގައި ނަޝީދުގެ އެންމެ އަރިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގަތެވެ. އޭގެ ތެރޭގައި ކުރީގެ މެމްބަރުން ކަަމަށްވާ އީވާ އަބްދުﷲ އާއި އިލްޔާސް ލަބީބާއި އިމްތިޔާޒު ފަހުމީ އާއި ހަސަން ލަތީފު އަދި މުހައްމަދު ޝިފާޒު ހިމެނެ އެވެ.