އީރާންގެ ނިއުކްލިއާ މަޝްރޫއުގެ މުހިންމު ބައިތަކަށް އެމެރިކާގެ ހަމަލާގައި ގެއްލުމެއް ނުވޭ: ރިޕޯޓް
މިހާރު
25 ޖޫން 2025 | ބުދަ | 2:01
އިޒްރޭލުން އީރާނަށް ދިން ހަމަލާތަކުގައި އެމެރިކާ ބައިވެރިވެ މިދިޔަ ހަފްތާ ބަންދުގައި ނިއުކްލިއާ މަރުކަޒުތަކަށް އެމެރިކާގެ ބާރުގަދަ ބޮންތަކުން ހަމަލާދިން ނަމަވެސް ނިއުކްލިއާ މަޝްރޫއުގެ މައިގަނޑު އަދި މުހިންމު ބައިތައް ހަލާކުނުވާ ކަމަށް އެކަމާ ގުޅޭ ގޮތުން މިހާތަނަށް ލިބިފައިވާ ޖާސޫސީ މައުލޫމާތުން ދައްކައިފި އެވެ.
މިކަމުގެ ޖާސޫސީ މައުލޫމާތު ބްރީފިން ލިބިފައިވާ ހަތަރު އޮފިޝަލަކާ ހަވާލާދީ ސީއެންއެން އިން ބުނީ މިއީ ޕެންޓަގަންގެ ޖާސޫސީ އިދާރާ، ޑިފެންސް އިންޓެލިޖެންސް އެޖެންސީއަށް ލިބިފައިވާ މައުލޫމާތު ކަމަށެވެ. މި މައުލޫމާތު ބިނާކޮށްފައިވަނީ ހަމަލާތަކަށް ފަހު އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ހެދި ބެޓުލް ޑެމޭޖް އެސެސްމެންޓުން ކަމަށް ސީއެންއެން އިން އޮފިޝަަލަކާ ހަވާލާދީ ބުންޏެވެ.
މި އެސެސްމަންޓުގައި މިހާރުވެސް ދަނީ އީރާންގެ ނިއުކްލިއާ އިންފްރާސްޓްރަކްޗާ އާއި އީރާނުން ނިއުކްލިއާ މަސައްކަތް ކުރިއަށް ގެންދިއުމުގެ ނިޔަތަށް އައި ބަދަލާ ގުޅޭ މައުލޫމާތު އެއްކުރަމުންނެވެ. އެހެންވެ އިތުރު މައުލޫމާތާ އެކު އަދި އެސެސްމަންޓުގެ ނަތީޖާއަށް ބަދަލުތަކެއް އަތުވެދާނެ ކަމަށް ބުނެފައިވެ އެވެ.