އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮންނާނެ، ވާދަ ކުރާނަން: ފައްޔާޒް
މިހާރު
25 ޖޫން 2025 | ބުދަ | 4:50
އިދިކޮޅު ޕާޓީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮންނާނެ ކަމަށާއި އަދި އެ ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒު ވިދާޅުވީ އެމްޑީޕީއަކީ ޕްރައިމަރީއަކުން ރިޔާސީ ކެންޑިޑޭޓް ކަނޑައަޅާ ޕާޓީއެއް ކަމަށާއި އެހެންވެ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓެއް ކަނޑައަޅަން ވެސް ޕްރައިމަރީ އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕާޓީގެ ހާއްސަ ކޮންގްރެސްއެއް އަންނަ އޮގަސްޓް މަހުގެ 15 ވަނަ ދުވަހުގެ ކުރިން ބާއްވަން ގައުމީ މަޖިލީހުން ފާސްކޮށްފައި ވާއިރު، އެ ކޮންގްރެސް އާއި ރިޔާސީ ކެންޑިޑޭޓެއް ކަނޑައެޅުމާ ގުޅުމެއް ނެތް ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އަދި ޕްރައިމަރީން ކަނޑައަޅާ ކެންޑިޑޭޓް ހައްޔަރުކޮށް، ޖަލަށްލައި ނުވަތަ ޕާޓީގެ ލީޑަޝިޕްގެ އެހެން ބޭފުޅުން ޖަލަށްލާ ހާލަތެއްގައި މެނުވީ ކޮންގްރެސްއިން ރިޔާސީ ކެންޑިޑޭޓެއް ކަނޑަނާޅާނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.