ތިނަދޫ ކައުންސިލަށް ފިޔަވަޅު އެޅުން އެމްޑީޕީން ކުށްވެރިކޮށްފި

މިހާރު

25 ޖޫން 2025 | ބުދަ | 8:25

ތިނަދޫ ސިޓީ ކައުންސިލަށް ކުރި ތުހުމަތުތަކުގައި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ހުށަހަޅާފައިވާ މައްސަލަތަކާ ގުޅިގެން ހެދި އިންކުއަރީއަށް ފަހު، އެ ސިޓީގެ މޭޔަރު ސައުދު އަލީއަށް މުސާރަ އާއި އިނާޔަތް ނުލިބޭ ގޮތަށް ތިން މަހަށް ސަސްޕެންޑް ކުރަން ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމި ނިންމުމަށް އިދިކޮޅު އެމްޑީޕީން ފާޑުކިޔައިފި އެވެ.

އެލްޖީއޭ އިން ފިޔަވަޅު އެޅީ އެ ކައުންސިލަށް ކުރެވުނު ހިޔާތާނާއި ބާރުތައް ނަހަމަ ގޮތުގައި ބޭނުންކުރާ ކަމަށް ތުހުމަތުކުރާ މައްސަލައިގެ އިންކުއަރީއަށް ފަހު އެވެ. އިންކުއަރީގައި ބަލާފައި ވަނީ ތިނަދޫ ކައުންސިލުގެ ވާޖިބު އަދާކުރުމަށް ނުކުޅެދިފައިވާ ކަމަށާއި ކައުންސިލުގެ ބާރުތަކާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ހިފައި ކައުންސިލަރުންގެ ސުލޫކީ މިންގަނޑާއި ހިލާފަށް އެ ސިޓީ ކައުންސިލުގެ މޭޔަރާއި މެމްބަރުން އަމަލުކުރާ ކަމަށް ބުނެ އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލާގައި އެލްޖީއޭ އިން މޮނިޓާކޮށް ފާހަގަކުރެވުނު މައްސަލަތަކަށް ކަމަށް އެލްޖީއޭ އިން ބުންޏެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނުގައި ބުނީ ތިނަދޫ ކައުންސިލްގެ މޭޔަރާއި ޑެޕިއުޓީ މޭޔަރު ސަސްޕެންޑްކޮށްފައި ވަނީ އެއްވެސް އަސާސެއް ނެތި ކަމަށާއި އެކަން ކުށްވެރިކުރާ ކަމަށެވެ. މިއީ އަންނަ ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް އެ ކައުންސިލްގެ އަގުވައްޓާލައި އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުންގެ ބާރުތައް ކަނޑުވައިލަން ކޮށްފައިވާ ކަމެއް ކަމަށް އެމްޑީޕީން ބުންޏެވެ.

މައުޟޫޢުތަށް