ބްރެޒިލްގެ ހުރިހާ ޓީމެއް ކްލަބް ވޯލްޑް ކަޕްގެ ގަދަ 16 އަށް
މިހާރު
26 ޖޫން 2025 | ބުރާސްފަތި | 11:40
މަޔާމީ (ޖޫން 26) - ފީފާ ކްލަބް ވޯލްޑް ކަޕްގައި ވާދަކުރާ ބްރެޒިލްގެ ހަތަރު ޓީމު ވެސް، ގުރޫޕް ސްޓޭޖް ފަހަނައަޅައި މުބާރާތުގެ ގަދަ 16 އިން ޖާގަ ހޯދައިފި އެވެ.
މުބާރާތުގައި މިއަދު ބްރެޒިލްގެ ފްލުމިނޭސީ ވަނީ ދެކުނު އެފްރިކާގެ މަމެލޯޑީ ސަންޑައުންސްއާ ވާދަކޮށް 0-0 އިން އެއްވަރުވެފަ އެވެ.
މި ނަތީޖާއާ އެކު ފަސް ޕޮއިންޓް ހަމަކޮށް ފްލުމިނޭސީއަށް އަށް ލިބުނީ ގުރޫޕް އެފްގެ ދެ ވަނަ އެވެ. އެއް ވަނަ ލިބުނީ ހަތް ޕޮއިންޓް ހޯދި ބޮރޫޝިއާ ޑޯޓްމަންޑެވެ. ޑޯޓްމަންޑް ވަނީ ރޭގެ މެޗުގައި ދެކުނު ކޮރެއާގެ އުލްސަން އެޗްޑީ 1-0 އިން ބަލިކޮށްފަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި ޑޯޓްމަންޑްގެ ގޯލު ޖަހައިދިނީ ޖޯބް ބެލިންހަމް ދިން ޕާހަކުން، ޑިފެންޑަރު ޑެނިއެލް ސްވެންސެން އެވެ. އުލްސަން އެޗްޑީ ވަނީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް ބަލިވެފަ އެވެ.