ނަބަވީ ހިޖުރައިން ދަސްވާ ގިޔަމުތައް

މިހާރު

28 ޖޫން 2025 | ހޮނިހިރު | 7:08

ކީރިތި ނަބިއްޔާ ﷺ މައްކާ ދޫކުރައްވައި މަދީނާ އަށް ކުރެއްވެވި ހިޖުރަ އަކީ ހަމައެކަނި ތަން ބަދަލު ކޮށްލުމަށް ނުވަތަ ހަމައެކަނި ބައެއްގެ ދުއްތުރާތަކުން ސަލާމަތް ވުމަށް ކުރެވުނު ހިޖުރައެއް ނޫނެވެ. ނަމަވެސް އެއީ އިސްލާމީ ދައުވަތުގެ ތާރީޚުގައި އައި ޙަޟާރީ މުހިންމު ބަދަލެއްގެ ފެށުމެކެވެ. މި މަތިވެރި ހިޖުރައިން ލިބޭ ފިލާވަޅުތައް ވެސް އެހާމެ ގިނަ އެވެ.

އޭގެ ތެރެއިން ފާހަގަ ކޮށްލެވޭ އެއްކަމަކީ އިންސާނީ ދިރިއުޅުމުގައި ދަމަހައްޓަން ވަރަށް މުހިންމު ވަރަށް އަގުބޮޑު ގިޔަމު (ވެލިއު) ތަކެއް އެ ހިޖުރައިން ދަސްވެގެން ދިއުމެވެ. އީމާންކަމާއި އިޖުތިމާއީ ގުޅުންތަކާއި ރިވެތި އަހުލާގާއި އިންސާނިއްޔަވަންތަ ކަމާ ގުޅުން ހުރި އަދި އަބަދުވެސް އޭގެ ބޭނުން ހިފޭނެ ގިޔަމުތަކެއް ދަސްވުމެވެ. އެހެންކަމުން މި ގިޔަމުތަކަކީ ކޮބައިކަމާއި މީގެ ބޭނުން މިއަދު ހިފާނީ ކިހިނަކުން ކަން ކޮންމެ މުސްލިމަކު ވެސް ދެނެގަތުން މުހިންމެވެ.

ހިޖުރައިން ދަސްވާ އެއް ގިޔަމަކީ، ﷲ އަށް އީމާންވުމާއި އެކަލާނގެ އަށް އިތުބާރު ކުރުމުގެ މުހިންމު ކަމެވެ. ހިޖުރައިގައި މާތް ނަބިއްޔާ ﷺ ޘައުރު ފަރުބަދައިގެ ހޮހަޅައިގައި އިންނެވި ހިނދު އަބޫބަކުރުގެފާނަށް ވިދާޅުވި ބަސްފުޅަކީ "ކަލޭގެފާނު ދެރަފުޅުވެ ވަޑައި ނުގަންނަވާށޭ، ހަމަކަށަވަރުން މާތް ﷲ ތިމަންމެންނާ އެކުގައި ވޮޑިގެންވެޔޭ" އެވެ. (އައްތައުބާ 40) މިއިން އެކަލޭގެފާނުގެ އީމާންތެރިކަމާއި ﷲ އަށް އިތުބާރު ކުރައްވާ މިންވަރު ހާމަވެ އެވެ. ބޭރުފުށުން ފެންނަން ހުންނަ ކަންކަމާއި ސަބަބުތަކުގެ އިތުރުން އަހަރެމެންނަށް ނުފެންނަ ފަށުގައި ފޮރުވިފައިވާ އެތައް ކަމަކާއި ސަބަބުތަކެއް ވެސް ﷲ ގެ ފުރިހަމަ އިރާދަތުގެ ތެރޭގައި ވާނެކަން ގަބޫލު ކުރުމަކީ މި ގިޔަމު ދެމެހެއްޓުމަށް ލިބޭ ބާރެކެވެ.

މައުޟޫޢުތަށް