އެއާ އިންޑިއާގެ ބޯޓު ވައްޓާލީތޯ ވެސް ތަހުގީގުގައި އަންނަނީ ބަލަމުން
މިހާރު
29 ޖޫން 2025 | އާދިއްތަ | 9:19
އެއާ އިންޑިއާގެ މަތިންދާބޯޓު ވެއްޓުނު ހާދިސާގެ ތަހުގީގުގައި ހުރިހާ ދިމާލަކުން ވެސް ބަލަމުން އަންނަ ކަމަށާއި އެއީ ބަޔަކު ގަސްތުގައި "ސަބޮޓޭޖް" ކޮށްގެން ހިންގި އަމަލެއްތޯ ވެސް ބަލާނެ ކަމަށް އިންޑިއާގެ އޭވިއޭޝަން މިނިސްޓްރީން ބުނެފި އެވެ.
މި މަހުގެ 12 ވަނަ ދުވަހު ބޯއިން 787-8 ޑްރީމްލައިނާގެ ބޯޓު ވެއްޓި އޭގައި ތިބި 242 މީހުންގެ ތެރެއިން އެކަކު ފިޔަވައި އެންމެން މަރުވީ އަހްމަދުއާބާދުން ބޯޓު ފުރިތާ ސިކުންތުކޮޅެއްގެ ތެރޭގަ އެވެ. އަދި އެ ބޯޓު ވެއްޓުނު ދިމާލުގައި ތިބި އެތައް ބަޔަކު ވެސް މަރުވި އެވެ. މިހާތަނަށް އޭގެ ތެރެއިން 19 މީހަކު ދެނެގަނެވިފައި ވާއިރު ޖުމްލަ އަދަދު 38 އަށް އަރާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުރްލީދަރް މޮހޯލް އިންޑިއާގެ ނިއުސް ޗެނަލް އެންޑީޓީވީއަށް ދެއްވި އިންޓަވިއުއެއްގައި، ތަހުގީގަށް ހުރިހާ އޭންގަލްއަކުން ވެސް ބަލަމުން އަންނަ ކަމަށް ވިދާޅުވީ މިއީ "ސަބޮޓޭޖް" އަކަށް ވެދާނެތޯ ވަކިން ސުވާލުކުރުމުންނެވެ.