ފަސޭހައިން އިންޓަ މަޔާމީ ބަލިކޮށް ޕީއެސްޖީ ކުއާޓާއަށް
މިހާރު
30 ޖޫން 2025 | ހޯމަ | 6:59
އެޓްލާންޓާ (ޖޫން 29) - އިންޓަ މަޔާމީގެ މައްޗަށް 4-0 އިން ފަސޭހަ މޮޅެއް ހޯދައި ޕީއެސްޖީ، ފީފާ ކްލަބް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފި އެވެ.
ލުއިސް އެންރީކޭ ކޯޗު ކޮށްދޭ ޕީއެސްޖީން ހުރިހާ ގޯލެއް ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ. ޔާއޯ ނެވޭސް ދެ ގޯލު ޖެހި އިރު، އަޝްރަފް ހަކީމީ ވެސް ވަނީ ގޯލެއް ޖަހައިފަ އެވެ. ޑިޒަޔާ ޑޫއޭ ނަގައިދިން ހުރަހަކުން އަނެއް ލަނޑު ވަނީ އިދިކޮޅު ކުޅުންތެރިއެއް އަތުން ބައިކޮޅަށެވެ.
ޔޫރަޕްގެ ޗެމްޕިއަން ޕީއެސްޖީން ދެވަނަ ހާފުގައި ޓެމްޕޯ ދަށް ކޮށްލުމާ އެކު ވެސް އާޖެންޓީނާގެ ތަރި ލިއޮނެލް މެސީގެ ކެޕްޓަންކަމުގައި ކުޅުނު އިންޓަ މަޔާމީއަށް ގޯލު ޖަހާނެ މާ ރަނގަޅު ފުރުސަތެއް ނުހޯދުނެވެ. މިއާ އެކު، އެ ޓީމަށް ވަނީ މިހާހިސާބުން ފީފާ ކްލަބް ވޯލްޑް ކަޕް މުބާރާތް ނިމިފަ އެވެ.