ސިންގަޕޫރަކީ ނަމޫނާއެއްގެ ގޮތުގައި ރާއްޖެއިން ބަލާ ގައުމެއް، ގުޅިގެން ކުރިއަށް ދާން ތައްޔާރު: ރައީސް
މިހާރު
30 ޖޫން 2025 | ހޯމަ | 8:52
ސިންގަޕޫރަކީ ރާއްޖެ އިން ނަމޫނާއެއްގެ ގޮތުގައި ބަލަމުން އަންނަ ގައުމެއް ކަމަށާއި ދެ ގައުމަށް ފައިދާ ހުރި ކަންކަމުގައި ގުޅިގެން މަސައްކަތް ކުރުން މުހިންމު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒުގެ ދެކަނބަލުން ސިންގަޕޫރަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އެ ދެކަނބަލުންގެ ޝަރަފުގައި ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް ދެއްވި ރަސްމީ ފަރިއްކޮޅުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ބޮޑެތި ވިޔަފާރިތަކުގެ މައި ހަބަކަށް ބަދަލުވެ، ސިންގަޕޫރުން ހޯދި ކުރިއެރުންތަކާއި އާ އީޖާދުތަކަކީ ނަމޫނާއެއްގެ ގޮތުގައި ރާއްޖެ އިން ބަލާ ކަމަށެވެ. އެހެންވެ، ދެ ގައުމުގެ މުސްތަގްބަލަށް ފައިދާވާނެ ކަންކަމުގައި ގުޅިގެން ކުރިއަށް ދިއުން މުހިންމު ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ކުރިއަށް ހުރި ޖީލުތަކަށް ފައިދާވާނެ ގޮތަށް މި ގުޅުން އިތުރަށް ބަދަހިކުރަން މަސައްކަތް ކުރުން މުހިންމު،" ރައީސް ވިދާޅުވި އެވެ.