ރާއްޖޭގެ ފުރަތަމަ އެސްއީޒެޑް މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި
މިހާރު
1 ޖުލައި 2025 | އަންގާރަ | 9:50
ރާއްޖޭގައި ފުރަތަމަ ފަހަރަށް ސްޕެޝަލް އިކޮނޮމިކް ޒޯންގެ މަޝްރޫއެއްގެ ގޮތުގައި ހިންގާ ސޯލާ ސިޓީ މަޝްރޫއުގެ އެއްބަސްވުމުގައި ކެނެޑާގެ ކުންފުންޏެއް ކަމަށްވާ އަބްރަކްސަސް ކުންފުންޏާއެކު ދިވެހި ސަރުކާރުން މިއަދު ސޮއިކޮށްފި އެވެ.
ސިންގަޕޫރަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ބޭއްވި މޯލްޑިވްސް ބިންޒަސް ފޯރަމްގެ ތެރެއިން އެ މަޝްރޫއުގެ އިންވެސްޓްމަންޓް އެގްރިމެންޓްގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޓޫރިޒަމް އެންޑް އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމެވެ. އަބްރަކްސަސްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ޖޭމްސް ކޯލްޓާ އެޑީ އެވެ.
އެ މަޝްރޫއުއަކީ 2028 ވަނަ އަހަރު ރާއްޖޭގެ ކަރަންޓުގެ 33 ޕަސެންޓަކީ އިއާދަކުރަނިވި ހަކަތައަށް ބަދަލު ކުރުމަށް ރައީސް ކުރިން އިއުލާން ކުރައްވާފައިވާ މަޝްރޫއުގެ ދަށުން ހިންގާ މަޝްރޫއެކެވެ. އެއީ 187 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކަމަށް ސަރުކާރުން ކުރިން ބުނެފައިވެ އެވެ.