ބޭންކުން ނަގާ ފީއާ ގުޅޭ ކުއްލި މައްސަލަ ބަލައިނުގަތް
މިހާރު
1 ޖުލައި 2025 | އަންގާރަ | 12:51
ދިވެހި ރުފިޔާގެ ޑެބިޓް ކާޑުތަކުން އޮންލައިންކޮށް ވިޔަފާރިކުރާ އިރު ބައެއް ސައިޓުތަކުން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާ ގޮތަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ގެނައި ބަދަލާ ގުޅޭ ގޮތުން ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަންނަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ބީއެމްއެލް އިން ފީ ނަގާނެކަން އިއުލާނުކޮށްފައިވަނީ ހަ ވެބްސައިޓަކުންނެވެ. އެއީ ދިވެހިން އެންމެ އާންމުކޮށް ބޭނުންކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލީ އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ އެވެ. އެ ސައިޓުތަކުން ދިވެހި ރުފިޔާގެ ޑެބިޓް ކާޑު ބޭނުންކޮށްގެން ކުރާ ކޮންމެ ޓްރާންސެކްޝަނަކުން ވެސް 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ އެވެ.
އެކަމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރައްވައި މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހެޅުއްވީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރެވެ. އެ މައްސަލަ ބަލައިގަތުމާ މެދު ނެގި ވޯޓުގައި އެކަމާ ދެކޮޅަށް 29 މެންބަރަކު ވޯޓު ދެއްވި އެވެ. އެއްކޮޅަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ.