އަންހެން ފުޓްބޯޅަ މުބާރާތެއް ބާއްވަން އެފްއޭއެމްގެ މައްޗަށް ލާޒިމުކޮށްފި
މިހާރު
2 ޖުލައި 2025 | ބުދަ | 10:54
ރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާ އެފްއޭއެމްގެ ފަރާތުން އަންހެން ފުޓްބޯޅަ މުބާރާތެއް ބާއްވަން ދެން އޮންނަ އެ އިދާރާގެ އިންތިހާބަށް ފަހު ހަވާލުވާ އެކްސްކޯގެ މައްޗަށް ލާޒިމުކޮށްފި އެވެ.
މިދިޔަ ހުކުރު ދުވަހު ބޭއްވި އެފްއޭއެމްގެ ކޮންގްރެސްއިން ނިންމީ މި މަހުގެ 26 ގއި ބާއްވާ އިންތިހާބަށް ފަހު، އަލަށް ހަވާލުވާ އެކްސްކޯ އިން އެއް އަހަރުގެ ތެރޭގައި އަންހެން މުބާރާތެއްގެ އޮނިގަނޑު އެކުލަވާލައި ކޮންގްރެސް އަށް ހުށަހަޅައި ފާސްކުރަން ޖެހޭ ގޮތަށެވެ.
އެފްއޭއެމުން އިސްވެ އަންހެން ފުޓްބޯޅަ މުބާރާތެއް އެންމެ ފަހުން ބޭއްވީ 2015 ގަ އެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ނިއު ރޭޑިއަންޓުންނެވެ. މި އަހަރު އެފްއޭއެމުން އަންހެން ފުޓްބޯޅަ މުބާރާތެއް ނުބާއްވައިފިނަމަ އަންނަ އަހަރަށް ފީފާއިން ދޭ ބަޖެޓުން އެބައި އުނި ކުރާނެ އެވެ.