އިންވެސްޓްކުރާ މަހުޖަނުންނަށް ރާއްޖޭގައި ދިރިއުޅެން ފަހިކޮށްދޭ މަޝްރޫއެއް
މިހާރު
2 ޖުލައި 2025 | ބުދަ | 1:30
އިނގިރޭސިވިލާތުގެ ހެންލީ އެންޑް ޕާޓްނާސްއާ އެކު ދިވެހި ސަރުކާރުން "ރެޒިޑެންސް ބައި އިންވެސްޓްމެންޓް ޕްރޮގްރާމް" އެއް ފަށައިފި އެވެ.
ދުނިޔޭގައި ވެސް އެންމެ ފުޅާ ދާއިރާއެއްގައި ފާހަގަކޮށްލެވޭ، އިންވެސްޓްމެންޓް މައިގްރޭޝަން އެޑްވައިޒަރީ ކުންފުނި ހެންލީ އެންޑް ޕާޓްނާސްއާ އެކު ހެދި އެ އެއްބަސްވުމުގެ ދަށުން، 2040 ވަނަ އަހަރަށް އެ މަޝްރޫއު ނިންމާލެވި އިންވެސްޓަރުންނަށް ރާއްޖޭގައި ދިރިއުޅެވޭނެ ގޮތްތައް ފަހިވާނެ އެވެ.
އިއްޔެ ސިންގަފޫރުގައި ރަސްމީ ބައްދަލުވުންތަކުގެ ހަވާސާގައި ބޭއްވި އެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ރާއްޖެއަކީ މިހާރު ވެސް ދަތުރުކުރާ މީހުންނަށް ލަގްޒަރީ މަންޒިލެއްގެ ގޮތުގައި މަގްބޫލު ގައުމަކަށްވާ އިރު މި ހެދި އެއްބަސްވުމުގެ ދަށުން، ރާއްޖޭގައި އިންވެސްޓްކުރާ މީހުންނަށް ދިރިއުޅެން ލުއިގޮތްތަކެއް ހަމަޖައްސައިދެވޭނެ ކަމަށެވެ. އަދި އެފަދަ ޕްރޮގްރާމެއްގެ ތެރެއިން ރާއްޖޭގެ އިގްތިސާދު އިތުރަށް ޑައިވާސިފައި ކުރުމަށް އެހީއަކަށްވާނެ ކަމަށް ވިދާޅުވި އެވެ.