ބަންގްލާދޭޝްގެ ކުރީގެ ބޮޑުވަޒީރު ހަސީނާއަށް ހަ މަހުގެ ޖަލު ހުކުމެއް
މިހާރު
2 ޖުލައި 2025 | ބުދަ | 9:42
މިދިޔަ އަހަރު ބަންގްލާދޭޝްގެ ބޮޑުވަޒީރު ކަމުގެ މަގާމުން ދުރުކޮށްފައިވާ ޝައިހް ހަސީނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން ކޯޓަށް ހާޒިރުވުމުގެ އަމުރަށް ތަބާނުވެ ދައްކަވާފައިވާ ވާހަކަތާ ގުޅިގެން ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށުގައި ހަ މަހަށް ޖަލަށް ލުމަށް ޣައިރު ހާޒިރުގައި މިއަދު ހުކުމްކޮށްފި އެވެ.
ސަރުކާރާ ދެކޮޅަށް ދަރިވަރުން ފެށި މުޒާހަރާތައް ހޫނުވެ މިދިޔަ އަހަރުގެ އޯގަސްޓް މަހު ހަސީނާ އިސްތިއުފާ ދެއްވުމަށް ފަހު ވަޑައިގެން އުޅުއްވަނީ އިންޑިއާގަ އެވެ. ސަރުކާރާ ދެކޮޅު މުޒާހަރާތައް ރޫޅާލުމަށް މީހުން މެރުމާއި އިދިކޮޅު އެތައް ބަޔަކާ މެދު ހިންގާފައިވާ ލާއިންސާނީ އަމަލުތަކާ ގުޅޭ ދައުވާތަކަށް ޖަވާބުދާރީވާން ހަސީނާ ކޯޓަށް ހާޒިރުވާން އެތައް ފަހަރަކު އަމުރުތައް ނެރުމުން ވެސް ހަސީނާ އިޖާބައެއް ނުދެއްވަ އެވެ. އަދި ހަސީނާ އަނބުރާ ގައުމަށް ފޮނުވައިދޭން އިންޑިއާގައި އެދުމުން އެކަމެއް ވެސް ނުކޮށްދެ އެވެ.
"ހަސީނާ ވަޑައިގަތުމާ އެކު ނުވަތަ އަމާންދީ، ކޯޓާ ހަވާލުވާ ވަގުތުން މި ހުކުމް ތަންފީޒުކުރަން ފެށޭނެ،" ހުކުމް އިއްވި ކޯޓުގެ ބޭރުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ޗީފް ޕްރޮސިކިއުޓާ މުހައްމަދު ތާޖުލް އިސްލާމް ވިދާޅުވި އެވެ.